Advertisement

ހަރަދު ކުޑަ ކުރުމުގެ ގޮތުން ޓްރަމްޕު ބޭނުން ވަނީ ރާއްޖޭގައި ހުޅުވި އެމެރިކާ އެމްބަސީ ބަންދު ކުރަން

16 އޭޕްރީލް 2025 - 09:00 0

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު ހޫގޯ ޔޮން: ޓްރަމްޕުގެ ސަރުކާރުން ރާވާފައި ވަނީ އަހަރަކު 30 ބިލިއަން ޑޮލަރު ސަލާމަތް ކުރަން -- ފޮޓޯ: ރައީސް އޮފީސް


ހަރަދު ކުޑަ ކުރުމުގެ ގޮތުން ޓްރަމްޕު ބޭނުން ވަނީ ރާއްޖޭގައި ހުޅުވި އެމެރިކާ އެމްބަސީ ބަންދު ކުރަން

16 އޭޕްރީލް 2025 - 09:00 0

ހަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހުޅުވި އެމެރިކާގެ އެމްބަސީއާއެކު އިތުރު 27 ތަނެއް ބަންދު ކުރުމުގެ މަސައްކަތް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަށައިފި އެވެ.

އެކަން ހާމަވީ ވޮޝިންޓަން ޕޯސްޓައް ލިބުނު ސަރުކާރުގެ ސިއްރު ލިޔުންތަކަކުންނެވެ. އޭގެން އިނގޭ ގޮތުގައި ޓްރަމްޕު ބޭނުންވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓު ވަރަށް ބޮޑުތަނުން ކުޑަ ކުރުމަށެވެ. ހަބަރު ފަތުރާ އެޖެންސީ ރޮއިޓާސް އިން ވެސް ވަނީ އެ ލިޔުންތައް ރިވިއުކޮށްފަ އެވެ.

"ޕާސްބެކް" ގެ ނަމުގައި ޓްރަމްޕުގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ޕްލޭން ތަންފީޒުކޮށްފި ނަމަ އަހަރަކު 30 ބިލިއަން ޑޮލަރު ސަރުކާރަށް ސަލާމަތްވާނެ އެވެ.

އެމެރިކާގެ ސަރުކާރުން ބަންދު ކުރަން ބޭނުންވާ 27 ތަނުގެ ތެރެއިން 10 ތަނަކީ އެހެން ގައުމުތަކުގައި ގާއިމްކޮށްފައި ހުންނަ އެމްބަސީ އެވެ. ބާކީ ތަންތަނަކީ ކޮންސިއުލޭޓުތަކެވެ.

ބަންދު ކުރަން މަސައްކަތް ކުރަނީ ރާއްޖޭގައި ހުޅުވި އެމްބަސީގެ އިތުރުން އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާ އެވެ.

އެ ބަދަލުތައް ގެންނަން ބޭނުންވެއްޖެ ނަމަ ސަރުކާރުން އެ މައްސަލަ ކޮންގްރެސްއަށް ހުށަހަޅަންޖެހެ އެވެ. ބަދަލުތައް ރަސްމީވާނީ އެއިރުންނެވެ. އެކަމަކު، ކޮންގްރެސްއިން އެކަން ފާސް ކުރާއިރު، ބައެއް ބަދަލުތައް އައުން އެކަށީގެންވާ ކަމަށް ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

އެމެރިކާއާއެކު 1966 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން، ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު، 2023، ގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.

އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.