16 އޭޕްރީލް 2025 - 01:22 0
16 އޭޕްރީލް 2025 - 01:22 0
ޕަންޖާބު، އިންޑިއާ (އޭޕްރީލް 15) - ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު ކަމަށްވާ، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކަލްކަތާ ނައިޓް ރައިޑާސް އަތުން ޕަންޖާބު ކިންގްސް އިން ވަނީ ރެކޯޑް މޮޅެއް ހޯދައިފި އެވެ.
މިއީ، އައިޕީއެލްގެ ތާރީހުގައި ޓީމަކުން އެންމެ ދަށް ސްކޯއެއް ޑިފެންޑްކުރި މެެޗެެވެ. ޕަންޖާބުން މި މެޗު 16 ލަނޑުން ކުރިހޯދިއިރު، އެ ޓީމަށް 15.3 އޯވަރުގެ ތެރޭގައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ.
މީގެ ކުރިން، އައިޕީއެލްގެ ތާރީހުގައި އެންމެ ދަށް ސްކޯއެއް ޑިފެންޑްކޮށްގެން މެޗަކުން މޮޅުވީ، 2009 ވަނަ އަހަރުގައި ޕަންޖާބާ ދެކޮޅަށް ކުޅެގެން ޗެންނާއި ސުޕަ ކިންގްސް އެވެ. އެ ފަހަރު ޗެންނާއި މޮޅުވީ، 116 ލަނޑު ޑިފެންޑްކޮށްގެންނެވެ.
މުލަންޕޫރުގެ މަހަރާޖާ ރަޖަވިންދުރަ ސިންގް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕަންޖާބުން ޓޮސް ދިމާވުމުން ކުޅެން އަރައި، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 15 ބޯޅައިން 30 ލަނޑު ހެދި، ޕްރަބްސިމްރަން ސިންގް އެވެ. ދެން އެ ޓީމުން އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، 12 ބޯޅައިން 22 ލަނޑު ހެދި ޕްރިޔާންޝް އާރްޔާ އެވެ. މި އިނިންގްސްގައި، ކަލްކަތާގެ ހަރްޝިތު ރާނާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އެރި، ކަލްކަތާ އަށް 15.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ 28 ބޯޅައިން 37 ޕޮއިންޓް ހޯދައިދިން، އަންގްކްރިޝް ރަގުވަންޝީ އެވެ. މި އިނިންްގްސްގައި ޕަންޖާބު މޮޅުކޮށްދޭން، ޔުޒްވެންދުރަ ޗާހާލް ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.
މި މޮޅާ އެކު، ޕަންޖާބުން ވަނީ ހަ މެޗުން އަށް ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment