Advertisement

ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްފި

15 އޭޕްރީލް 2025 - 10:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން: އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ވަނީ ރަޖިސްޓްރީ ކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްފި

15 އޭޕްރީލް 2025 - 10:31 0

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފި އެވެ.

ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ފެބްރުއަރީ 13، ގައި ޣާލިބު ސަލީމު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެވެ.

ހުކުމާ އެއްގޮތަށް ނުދައްކާ ކަމަށް ބުނާ ލޯނަކީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. ލޯނު ދެއްކުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024، ގައި ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ނަމަވެސް ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން މި ފައިސާ ދައްކާފައިނުވާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ސިނާނުގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައިގައި ހިމެނޭ ފައިސާ މިހާރު ވަނީ ދައްކައި ހާލާސްކޮށްފައިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެ ފައިސާ ދެއްކީ ނަގުދު ފައިސާއިން ކަމާއި ބޭންކަށް އެ ފައިސާ ދައްކަން ދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން ކަން ވެސް އެނގިފައިވެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.