Advertisement

‏"‏‎އެސެސިންސް ކްރީޑް ޝެޑޯސް" ‏‏އެމެރިކާގައި ދެވަނައަށް އެންމެ ގިނައިން ވިއްކުނު ‏‏ގޭމް‏

15 އޭޕްރީލް 2025 - 18:35 1

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

އެސެސިންސް ކްރީޑް ޝެޑޯސްގެ ސްކްރީން ޝޮޓެއް: މިއީ ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލު ފްރެންޗައިޒްއެއް --


‏"‏‎އެސެސިންސް ކްރީޑް ޝެޑޯސް" ‏‏އެމެރިކާގައި ދެވަނައަށް އެންމެ ގިނައިން ވިއްކުނު ‏‏ގޭމް‏

15 އޭޕްރީލް 2025 - 18:35 1

އޮންލައިން ގޭމް "އެސެސިންސް ކްރީޑް ޝެޑޯސް" އަކީ މި އަހަރު އެމެރިކާގައި ދެވަނައަށް އެންމެ ގިނައިން ވިއްކުނު ގޭމަށް ވެއްޖެ އެވެ.

އެމެރިކާގެ މާކެޓް ރިސާޗް ކުންފުންޏެއް ކަމުގައިވާ ސާކާނާ އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރު އެމެރިކާގައި އެންމެ ގިނައިން ވިއްކުނު ދެވަނަ ގޭމަކީ "އެސެސިންސް ކްރީޑް ޝެޑޯސް" އެވެ. މި ގޭމް ވަނީ "މޮންސްޓާ ހަންޓާ ވައިލްޑްސް" ގެ ފަހަތުން އަހަރުގެ ފުރަތަމަ ބައިގައި އެންމެ މަތީ ވިއްކުންތައް ހޯދާފަ އެވެ.

ސާކާނާގެ މެޓް ޕިސްކަޓެލާ ވިދާޅުވި ގޮތުގައި، "އެސެސިންސް ކްރީޑް ޝެޑޯސް" ވަނީ މާކެޓަށް ނެރުނު ފުރަތަމަ ތިން ހަފުތާގައި ވެސް އެމެރިކާގައި އެންމެ ގިނައިން ވިއްކުނު ގޭމްގެ ގޮތުގައި ރެކޯޑު ހަދާފަ އެވެ. މި ގޭމް ތައްޔާރުކުރުމުގައި ގިނަ ލަސްވުންތަކެއް ދިމާވި ނަމަވެސް، ރަނގަޅު ރިވިއުތަކާއި ކުޅުންތެރިންގެ ހިތްހަމަޖެހުން ލިބުމާއެކު، މި ގޭމަކީ ޔޫބިސޮފްޓަށް ކާމިޔާބު އުފެއްދުމަކަށް ވެފައިވެ އެވެ.

އިނގިރޭސިވިލާތުގައި ވެސް މި ގޭމް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން، ހަފްތާއެއްގެ ތެރޭގައި "ސްޓާ ވޯސް: އައުޓްލޯސް" އަށް ވުރެ ގިނަ ފިޒިކަލް ކޮޕީ ވިއްކާފައިވެ އެވެ. މީގެ އިތުރުން، "އެސެސިންސް ކްރީޑް ޝެޑޯސް" އަކީ މި އަހަރު އެންމެ ގިނަ ފިޒިކަލް ކޮޕީ ވިއްކުނު ގޭމް ކަމަށް ވެސް ވަނީ ރިޕޯޓު ކުރެވިފަ އެވެ.

ވީޖީސީ އަށް ލިބިފައިވާ މައުލޫމާތު ދައްކާ ގޮތުގައި، "އެސެސިންސް ކްރީޑް ޝެޑޯސް" އަކީ މި ސީރީޒްގެ ދެވަނައަށް އެންމެ ބޮޑު ލޯންޗް ކުރެވުނު ގޭމެވެ. މި ގޭމް ވަނީ ކޮންސޯލްތަކާއި ޕީސީ އަށް ނެރެފަ އެވެ. އަދި 2019 ގެ ފަހުން ޔޫބިސޮފްޓުން ސްޓީމްގައި ފުރަތަމަ ދުވަހު ނެރުނު ފުރަތަމަ މެއިން ގޭމް ވެސް މެއެވެ.

ވީޖީސީގެ ރިވިއުގައި ބުނެފައިވަނީ މި ގޭމަކީ ރަނގަޅު ގޭމްޕްލޭ، ޝައުގުވެރި ވާހަކައެއް އަދި ބޮޑު، ރީތި ދުނިޔެއެއް އެކުލެވޭ، ގިނަ ބަޔަކު އުންމީދުކުރި ވަރަށްވުރެ މާ ރަނގަޅު ގޭމެއް ކަމަށެވެ. އަދި މިއީ މި ޒަމާނުގެ އެންމެ ބޮޑެތި އަދި އެންމެ ގިނަ މައްސަލަ ދިމާވެފައިވާ ފްރެންޗައިޒްތަކުގެ ތެރެއިން އެއް ފްރެންޗައިޒްއަށް އަލުން އިތުބާރު ގެނެސްދިން ގޭމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އެސެސިންސް ކްރީޑް ޝެޑޯސް" ނެރެވުނީ ޕަބްލިޝާ ޔޫބިސޮފްޓަށް ވަރަށް މުހިންމު ދަނޑިވަޅެއްގަ އެވެ.

ފާއިތުވި މުއްދަތުގައި ނެރުނު ބައެއް ގޭމްތަކުގެ ވިއްކުންތައް ދަށްވެ، މާލީ ހާލަތު ގޯސްވަމުން ދިޔުމާ ގުޅިގެން، މިދިޔަ ޖަނަވަރީ މަހު ޔޫބިސޮފްޓުން ވަނީ ކުންފުނި އަލުން ބައްޓަން ކުރުމަށް "ހަރުދަނާ ފިޔަވަޅުތަކެއް" އަޅަމުންދާ ކަމަށާއި، ކުންފުނީގެ އެސެޓްތަކުގެ "ފުރިހަމަ އަގު" ހޯދުމަށް ތަފާތު އޮޕްޝަންތައް ބަލަމުންދާ ކަމަށް ބުނެފަ އެވެ.

މި ހާލަތުގައި "ޝެޑޯސް" ގެ ކާމިޔާބީއަކީ ޔޫބިސޮފްޓަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ބެލެވެ އެވެ.