ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

14 އޭޕްރީލް 2025 - 14:04 0

ލީވާން އަލީ ނާސިރު

ލ

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު: އޭނާގެ މައްޗަށް ދައުވާ އުފުލަން އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައި -- ފޮޓޯ: އަދަދު ފައިލް


ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

14 އޭޕްރީލް 2025 - 14:04 0

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އަހުމަދު ސައީދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް އިއްޔެ ފޮނުވައިފި އެވެ.

ސައީދުގެ މައްޗަށް ދައުވާ އުފުލީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައިގަ އެވެ.

އެ މައްސަލައިގައި ސައީދުގެ އިތުރުން ފެނަކައިގެ ކުރީގެ އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވެސް ވަނީ ދައުވާ ކުރަން އެދިފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަން އެދުނު ދައުވާއަކީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް އަމަލު ކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭ ގޮތަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ ކައިޒާން އިވެންޓުމަންޓުގެ އައިސްޕްލާންޓު 2023 ގައި ގަތުމަށް ފެނަކަ ބޯޑުން ނިންމީ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.

"ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަހުމަދު ސާއީދު މުހައްމަދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތުތަކެއް ދީފައި،" އޭސީސީން ބުންޏެވެ.

އައިސްޕްލާންޓުގެ ވެލުއޭޝަންގެ ގޮތުގައި މުހައްމަދު މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ހާމަވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން އޮޅުވާލާފައިވާކަން ފާހަގަކުރެވޭ،" އޭސީސީން ބުންޏެވެ.

އޭސީސީން ކުރިން ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ހިމެނޭ ކަމަށެވެ. އެކަމަކު އެ ހުރިހާ މައްސަލަތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފެނަކައިގައި އެއްވެސް ހިޔާނާތުގެ ކަމެއް ހިންގާފައި ނުވާނެ ކަމަށް ސައީދު މީގެ ކުރިން ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ވަނީ ވިދާޅުވެފަ އެވެ.