ވީއައިއޭ މަޝްރޫއަށް ސައުދީން އިތުރު 17 މިލިއަން ޑޮލަރު ދީފި

14 އޭޕްރީލް 2025 - 05:31 0

ލީވާން އަލީ ނާސިރު

ލ

ސައުދީ ފަންޑުގެ ސީއީއޯ (ކ) ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ވ) އާ ސަލާމް ކުރައްވަނީ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ޕްރޮޖެކްޓަށް ބޮޑު ބައި ފަންޑުކުރަނީ ސައުދީ ފަންޑުން -- ފޮޓޯ: ރައީސް އޮފީސް


ވީއައިއޭ މަޝްރޫއަށް ސައުދީން އިތުރު 17 މިލިއަން ޑޮލަރު ދީފި

14 އޭޕްރީލް 2025 - 05:31 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ އެކު ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ ސައުދީ ފަންޑުން ރާއްޖޭގެ ސިއްހީ ދާއިރާ އާއި ބޯހިޔާވެހިކަން އަދި ކާރިސާތަކަށް ގިނަ އެހީތަކެއް ވެދީފައިވާ ކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ ޖާގައިގެ ދަތިކަން ހައްލުވެ، އަހަރަކު ހަތް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"އެއާޕޯޓުގެ މަޝްރޫއުގެ ފަހު މަރުހަލާ ނިންމުމަށް މި ލޯނުން އެހީތެރިވެދޭނެ. މަޝްރޫއު ނިމުމުން ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވި، އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

1978 އިން ފެށިގެން ސައުދީ ފަންޑުން ވަނީ ވީއައިއޭގެ ހިދުމަތްތައް ފުޅާކުރުމަށް ތަފާތު ހަތް ލޯނަކަށް 242 މިލިއަން ޑޮލަރުގެ ލޯނު ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެއިތުރުން ސައުދީ ފަންޑުން ރާއްޖޭގައި 40 މަޝްރޫއެއް ހިންގަން 17 އަށްވުރެ ގިނަ ލޯނު ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން ރާއްޖެއަށް އެ ފަންޑުން ޖުމްލަ ހަމަޖެއްސި ލޯނުގެ އަދަދު 288 މިލިއަން ޑޮލަރަށްވުރެ ގިނަ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް މިހާތަނަށް އެންމެ ގިނަ ފައިސާ ދޫކުރީ ސައުދީ ފަންޑުންނެވެ. މީގެ ކުރިން އެ ފަންޑުން 101 މިލިއަން ޑޮލަރުގެ ދެ ލޯނު ދޫކޮށްފައިވާއިރު، އެންމެ ފަހުން ދިން ފައިސާއާއެކީ މައި އެއާޕޯޓު ތަރައްގީކުރަން އެ ފަންޑުން ދިން ލޯނުތަކުގެ އަދަދު މިވަނީ 219 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާފަ އެވެ.