ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގެންފި

14 އޭޕްރީލް 2025 - 05:36 0

ލީވާން އަލީ ނާސިރު

ލ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު: އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައި ކޯޓަށް ވަނީ ބަލައިގަނެފައި


ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގެންފި

14 އޭޕްރީލް 2025 - 05:36 0

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ނިންމައިފި އެވެ.

ޝަމްއާން ހައްޔަރުކުރީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލާގެ ތުހުމަތުގައި މާޗު 21، ގަ އެވެ. އޭނާ 15 ދުވަހަށް ބަންދު ކުރުމަށްފަހު، ޝަރީއަތް ނިމެންދެން ބަންދުކުރީ އެޕްރިލް 6، ގަ އެވެ.

އޭނާގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއީ އޭނާގެ ބަންދާ ގުޅިގެން ހައިކޯޓަށް ހުށަހެޅި ދެވަނަ މައްސަލަ އެވެ. އެގޮތުން ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖެހި މައްސަލަ ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

ޝަމްއާން 15 ދުވަހަށް ބަންދުކުރި މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމި އެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުން ބެލުމަށްފަހު ރަޖިސްޓްރާގެ ނިންމުން ބާތިލުކުރި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.

ބިދޭސީ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން އެކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.