13 އޭޕްރީލް 2025 - 10:51 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލީހުގައި : ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން މަސައްކަތްކުރާތަނެއް ހިސާބުތަކުން ނުދައްކާ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
13 އޭޕްރީލް 2025 - 10:51 0
ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ދެ ދުވަހު މެދުކެނޑުމަކަށްފަހު ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވަނީ މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ މާލީ ހިސާބުތަކެވެ.
އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.62 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.22 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.
މީގެއިތުރުން، ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މާޗު 20، އާ ހަމައަށް ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް ބަޖެޓުން ހޭދަކުރީ 4.56 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި މިކަމަށް ހަރަދުކުރީ 4.38 ބިލިއަނެވެ.
ދައުލަތުގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި ޖުމްލަ އާމްދަނީ ވަނީ 840 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް އިމްޕޯޓު ޑިއުޓީ، ވިޔަފާރި އާއި ޕްރޮޕަޓީ ޓެކްސް ވަނީ ދަށަށް ގޮސްފަ އެވެ.
މި އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީ ވަނީ ދަށްވެފަ އެވެ. މާޗު 20، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 637.7 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި 712.6 މިލިއަން ރުފިޔާ ލިބުނެވެ.
އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ ސަރުކާރުން ގާނޫނު ބަދަލުކޮށް ބޮޑުކޮށްފައިވާ ޓޫރިޒަމް ޓެކްސްތަކާއި އެއާޕޯޓު ފީ އަދި ޓެކްސްތަކުންނެވެ. އެގޮތުން ގްރީން ޓެކްސް، ޓީޖީއެސްޓީ، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އަދި ޑިޕާޗާ ޓެކްސް ލިބުނު އަދަދުވެސް ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް އަދި އެއާޕޯޓު ފީ/ޓެކްސްތައް ލިބުނު މިންވަރު؛
ރިކަރަންޓު ހަރަދުތަކަށް ސަރުކާރުން ކުރާ ހެދާ މިހާބޮޑަށް އިތުރުވެފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އެކީހެން ހޭދަވަނީ ރިކަރަންޓު ހަރަދުތަކަށް ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫން ގޮތެއް މި ސަރުކާރަށް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުން މުސާރައަށް ކުރާ ހަރަދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ.
ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 248 މީހަކު ވަކިކުރި ކަމަށް މިދިޔަ ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި އެވެ. ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމަ ނުކުރެ އެވެ. އެކަމުގެ ސަބަބުން ހަރަދު ކުޑަވި ތަނެއް މާލީ ހިސާބުތަކަކުން ނުދައްކަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment