Advertisement

އިންކްލޫސިވް ތައުލީމުގެ ހުނަރުވެރި މުދައްރިސުން ބިނާކުރުން މުހިންމު

14 އޭޕްރީލް 2025 - 08:34 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއިލް އިމްދާދު


އިންކްލޫސިވް ތައުލީމުގެ ހުނަރުވެރި މުދައްރިސުން ބިނާކުރުން މުހިންމު

14 އޭޕްރީލް 2025 - 08:34 2

ތައުލީމަކީ ކޮންމެ ކުއްޖެއްގެ އަސާސީ ހައްގެކެވެ. މުޖުތަމައުގެ މުސްތަގުބަލު ބިނާވަނީ މިއަދުގެ ދަރިވަރުންގެ އުނގެނުމާއި ތަރުބިއްޔަތުގެ މައްޗަށެވެ. ނަމަވެސް، ހުރިހާ ދަރިވަރުންނަކީ އެއް ގާބިލުކަމެއް، އެއް ބޭނުންތަކެއް ހުންނަ ބައެއް ނޫނެވެ.

ތަފާތު ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ދަރިވަރުންނަށް ވެސް، އެހެން ދަރިވަރުންނެކޭ އެއް ފެންވަރުގައި، ހަމަހަމަ އުސޫލުތަކެއްގެ މަތިން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އޯގާތެރި ހަމަޖެހޭ މުޖުތަމަޢެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރިކަމެކެވެ.

މި މަތިވެރި މަގުސަދުގައި، ތަފާތު އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ، އެންމެން ޝާމިލުވާ، އަދި އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރުމަށް ބޭނުންވާ އިލްމާއި ހުނަރު، ތައުލީމީ ދާއިރާގެ ފަރާތްތަކަށް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ވިލާކޮލެޖުގެ ބެޗްލާ އޮފް ޓީޗިން އިން ޕްރައިމަރީ އެންޑް އިންކުލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމަކީ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާ ފަހި ފުރުސަތެކެވެ.

ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ކުރިއަރާފައިވާ ތަހުޒީބު ގައުތަކުގެ ތައުލީމީ ސިޔާސަތުތަކާ އެއްގޮތަށް އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ އެންމެން ޝާމިލުވާ ތައުލީމުގެ އުސޫލުތަކެއް ތަންފީޒުކުރެވޭނެފަދަ އިލްމާއި ހުނަރުވެރިކަން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ފޯރުކޮށްދިނުމެވެ.

އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން (އައިސީޕީ) ގެ ތެރެއިން ފޯރުކޮށްދެވޭ ތަޢުލީމާއި ތަމުރީނުގެ އަލީގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ހާއްސަ ބޭނުންތައް ފަރުވާތެރިކަމާއެކު ދެނެގަނެ، އެކަންކަން އެ ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ފަދަ އެންމެ އެކަށޭނަ އުނގަންނައިދިނުމެއް ފަރުމާކުރުމާއި، ފިލާވަޅުތައް ރޭވުމާއި، އަދި އެ ކުދިންނަށްލިބެމުންދާ ކުރިއެރުން އެންމެ ރަނގަޅަށް ވަޒަންކުރެވޭނެހެން އަމަލީގޮތެއްގައި މައުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ.

ހަމައެއާއެކު، ޕްރައިމަރީ މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޤާބިލްކަން މިކޯސްފުރިހަމަކުރާ ޓީޗަރުންނަށް ލިބިދިނުމެވެ. އަދި ޔުނިވާސަލް ޑިޒައިން ފޯ ލާނިން (ޔޫޑީއެލް) ފަދަ އެންމެންނަށް އެކަށީގެންވާ ގޮތްތަކަށް ކިޔަވައިދިނުން ފަރުމާކުރުމުގެ އުސޫލުތައް މި ޕްރޮގްރާމްގެ ބައިވެރިންނަށް، ދަސްވެގެންދާނެ އެވެ.

އުނގެނުމުގެ ތަފާތު ދަތިތައް ދެނެގަތުމާއި، ދަރިވަރުންނާ އެންމެ އެކަށޭނަހެން މުޤައްރަރަށް ގެންނަންޖެހޭ ބަދަލުތަކާއި ފަސޭހަތައް ދެނެގަތުމުގެ ގާބިލްކަން ލިބިގެންދާނެ އެވެ.

މީގެ އިތުރުން، އެންމެން ޝާމިލުވާ ކްލާސްރޫމެއްގައި ކުރިމަތިވެދާނެ ފަދަ ދަރިވަރުންގެ ސުލޫކީ މައްސަލަތައް ދެނެގަނެ، އެކަންކަމާ ހެޔޮ ގޮތުގައި މުޢާމަލާތުކުރުމުގެ ހުނަރާއި, ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކިޔަވައިދިނުން އިތުރަށް ފުރިހަމަކުރުމުގެ ޤާބިލްކަންވެސް ލިބިދެވޭނެ އެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީސްގެ ޑީން އަބްދުލް ސައްތާރު ގާސިމް ވިދާޅުވީ އިންކްލޫސިވް އެޑިޔުކޭޝަނަކީ ހަމައެކަނި ތަޢުލީމީ ފިލޯސަފީއެއް ނޫން ކަމަށާއި އެއީ އިންސާނީ އަދި އަހުލާގީ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ ދަރިވަރަކަށްމެ އެ ކުއްޖެއްގެ އެންމެ ފުރިހަމަ ގާބިލުކަން ނެރެވޭނެ ފުރުސަތު ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބެޗްލާ ޕްރޮގްރާމުން އަޅުގަނޑުމެން އަމާޒުކުރަނީ، ހަމައެކަނި އުސޫލުތައް ދަސްކޮށްދިނުމުގެ ބަދަލުގައި، ހާގީގީ މާހައުލުގައި މަސައްކަތްކުރެވޭނެ އަމަލީ ހުނަރުތައް، އޯގާތެރިކަމާއެކު ދަރިވަރުންނަށް ފޯރުކޮށްދޭނެ މުދައްރިސުންތަކެއް ބިނާކުރުން. މިއީ ދިވެހި ތައުލީމީ ނިޒާމަށް ވަރަށް ބޮޑު ބޭނުންތެރިކަމެއް ހުރި ޕްރޮގްރާމެއް،" ގާސިމް ވިދާޅުވި އެވެ.

އިންކްލޫސިވް އެޑިޔުކޭޝަންގެ މުހިއްމުކަމާ ގުޅޭގޮތުން ތަޖުރިބާކާރަކު ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ސުކޫލުތަކަށް ބަލާއިރު، ތަފާތު ބޭނުންތަކަށް ނިހާޔަތަށް ބޭނުންވެފައިވާ ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

އެކަށީގެންވާ އިލްމީ، ފަންނީ ތަމްރީނާއި، އެކަންކަމަށް އެކަށީގެންވާ ވަސީލަތް ނެތުމުން އެކަންކަން ހައްލުކުރުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް، އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތަކުން ލިބޭ އިލްމުގެ ސަބަބުން، ޔޫޑީއެލް ފަދަ އުސޫލުތައް ބޭނުންކޮށްގެން، އަދި ކޮންމެ ދަރިވަރަކަށްވެސް އެކުއްޖަކަށް ބޭނުންވާ އެހީތެރިކަމަށް ފޯކަސްކޮށްގެން އެ ދަރިވަރަކަށް ހާއްސަ އުނގަންނައިދިނުމެއް ފަރުމާކޮށްގެން، ހުރިހައި ދަރިވަރުންނަށް ވެސް އުނގެނުމަށް ފަހި މާހައުލެއްގެ ތެރެއިން ހަމަ ކޮންމެ ކުއްޖަކަށް ވެސް ކުރިއެރުން އިތުރުކުރެވޭނެ،" އޭނާ ބުންޏެވެ.

މި ޕްރޮގްރާމުގެ އަމާޒަކީ ހަމައެކަނި ފަންނީ ހުނަރުވެރިކަމެއް ލިބިދިނުމެއްނޫނެވެ. ކޮންމެ ދަރިވަރަކީވެސް އަގުހުރި، ދިވެހި ގައުމަށް ބޭނުންތެރި ފަރުދުންތަކެއް އުފެއްދޭނެކަމަށް ގަބޫލުކުރާ އަދި އޯގާތެރިކަމާއެކު ތަފާތު ދަރިވަރުންގެ ތަފާތުތަކަށް އިޙްތިރާމްކުރާ، ޒިންމާދާރު މުދައްރިސުންތަކެއް ބިނާކުރުމެވެ.

މި ޕްރޮގްރާމް ފުރިހަމަކުރުމުން، ތައުލީމީ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައި، އަދި ކޮންމެ ދަރިވަރަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ޔަގީންކޮށްދިނުމަށް މަސައްކަތްކުރާނެ ބަޔަކަށް ވެގެންދެ އެވެ.

މިއީ ހަމައެކަނި ތައުލީމީ ސަނަދެއް ހޯދުމެއް ނޫނެވެ. އެއީ މުޖުތަމައުގެ މާދަމާ ބައްޓަންކުރާ ދަރިންނަށް ހެޔޮއެދި، އެކުދިންގެ ކުރިމަގު އުޖާލާކުރުމަށް އަޅާ މުހިއްމު ފިޔަވަޅެކެވެ. އެއީ އެންމެހާ ދަރިވަރުންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށް ލިބޭ ފުރުސަތެކެވެ.

މީގެ އިތުރުން ހުރިހައި ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމާ ގުޅޭ މާސްޓާސް ލެވަލްގެ ޕްރޮގްރާމެއް ކަމުގައިވާ "މާސްޓާސް އޮފް ޓީޗިން އިން އިންކުލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން" ޕްރޮގްރާމެއްގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލެވިފަ އެވެ.