ވާދަވެރި މުބާރާތް ކުޅެން ގިނަ ކްލަބްތަކުން ތަރުހީބެއްނުދިން

13 އޭޕްރީލް 2025 - 07:54 0


ވާދަވެރި މުބާރާތް ކުޅެން ގިނަ ކްލަބްތަކުން ތަރުހީބެއްނުދިން

13 އޭޕްރީލް 2025 - 07:54 0

ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓަށް ފަސް ވުމުން، މި އޮތް މުއްދަތުގެ ތެރޭގައި ވާދަވެރި މުބާރާތެއް ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ކުރާ ކަންކަމަށް ފުރަތަމަ ޑިވިޝަނުގެ މެޖޯރިޓީ ކްލަބްތަކުން ތަރުހީބު ނުދިންކަން ހާމަވެއްޖެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން މި މަހަށް ކުރިން ތާވަލުކުރި ނަމަވެސް، ފީފާގެ އެންގުމުގެ ސަބަބުން އަންނަ އޮގަސްޓަށް ސީޒަން ފެށުން ފަސްކުރަން މަޖުބޫރުވި އެވެ. ޖޫން/ޖުލައި މަހު ގައުމީ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނާ އެކު، ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްވާތީ ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދަން، ވާދަވެރި މުބާރާތެއް ރޭވުމަށް އެފްއޭއެމުން ފީފާ އާއި ސަރުކާރާ އެކު މަޝްވަރާކޮށް، އޭގެ ފެހި ސިގްނަލް ހޯދައި، މަސައްކަތް ފެށި އެެެވެ.

މި މަހު އެފްއޭއެމުން ކްލަބްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ވާދަވެރި މުބާރާތެއް ބޭއްވުމުގެ ގޮތުން، ފީފާ އާއި އޭއެފްސީ އަދި ސަރުކާރާ އެކު، މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި، އެ މަޝްވަރާތަކުން ނިންމުނު ގޮތަކީ، ފީފާ އާއި އޭއެފްސީ އިން ކަނޑައަޅާ އުސޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް، މި މަހުގެ ފަހު ހަފްތާ އިން ފެށިގެން މެއި މަހުގެ ނިޔަލަށް މުބާރާތެއް ބޭއްވުމަށް ކަމަށާއި، ފުރަތަމަ ކަމަކަށް އެ މުބާރާތުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ފީފާ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޓީމުތަކަށް ހުޅުވާލި ފުރުސަތުގައި، ބައިވެރިވާން ނިންމައި، އެކަން އެފްއޭއެމަށް އެންގީ ތިން ކްލަބަކުންނެވެ. އެއީ، ލީގު ޗެމްޕިއަންކަން އެންމެ ފަހުން ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން، ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން، އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި، އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރާ ވާދަވެރި މުބާރާތުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބައިވެރިވެވެން އޮތީ މާލީ އެހީތެރިކަމެއް އަދި ލިބިގެންކަން އެ ކްލަބުން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.

މި ހުރިހާ ކަމަކާ ހުރެ، އެފްއޭއެމް އިން މަސައްކަތް ކުރަމުން އަންނަނީ، ދެ ވަަނަ ޑިވިޝަނުގެ ބައެއް ކްލަބްތައް ހިމެނޭ ގޮތަށް ވާދަވެރި މުބާރާތް ރޭވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްބާރުލުމާ އެކު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފުޓްބޯޅަ ކްލަބްތަކަށް ނުވަ މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ. އެ ފައިސާ އިން ގިނަ ކްލަބްތަކުގައި ހުރި މާލީ ބައެއް މައްސަލަތައް ހައްލުކޮށް ޕްރީ ސީޒަން ވެސް ފަށާފައިވަނިކޮށް، ބައެއް ކްލަބްތަކުން ވެސް އެދޭތީ ކަމަށް ބުނެ، ފީފާގެ ގަވަރްނަންސް މެނޭޖަރު، މިސްރުގެ އަހުމަދު ހައްރާޒު އަޑީގައި ހުރެ، ވަނީ މި މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ހުއްޓުވައިފަ އެވެ.