ފީފާގެ ރުހުން ލިބުމުން އެފްއޭއެމުން މުބާރާތުގެ މަސައްކަތް ފަށައިފި

8 އޭޕްރީލް 2025 - 07:31 0


ފީފާގެ ރުހުން ލިބުމުން އެފްއޭއެމުން މުބާރާތުގެ މަސައްކަތް ފަށައިފި

8 އޭޕްރީލް 2025 - 07:31 0

ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓަށް ފަސް ވުމުން، މި އޮތް މުއްދަތުގެ ތެރޭގައި ވާދަވެރި މުބާރާތެއް ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ކުރާ ކަންކަމަށް ފީފާގެ ރުހުން ލިބުމާ އެކު، އެފްއޭއެމުން ކްލަބްތަކާ ގުޅިގެން އެ މަަސައްކަތް ފަށައިފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަހުމަދު މުއިއްޒު ސޮއިކުރައްވާ ކްލަބްތަކަށް، މިދިޔަ މަހުގެ 28 ވަނަ ދުވަހު، ފޮނުވި ސިޓީގައި ބުނެފައިވަނީ ކްލަބްތަކުގެ އެދުމުގެ މަތިން އާ ސީޒަން މި މަހު 8 ގައި ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެކަމަކު، މިދިޔަ މަހު 16 ގައި ކްލަބްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި ފީފާއިން ވަނީ ކަލަންޑަރު ތާވަލަށް ބަދަލު ގެނައުމުގެ ހިޔާލު ހުށަހަޅާފައި ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި، އެފްއޭއެމް އިން ވަނީ ޓްރާންސިސަނަލް ލީގެއް މި އަހަރުގެ އޭޕްރީލް/މެއި މަހު ބޭއްވުމަށްފަހު އޮގަސްޓު މަހު އާ ސީޒަން ފެށުމަށް ހުށަހަޅާފައި ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި އެ ސިޓީގައި ބުނީ ސީޒަން ފަސްވުމާ އެކު ވާދަވެރި ފުޓުބޯޅަ މުބާރާތެއް ވީ އެންމެ އަވަހަށް ބޭއްވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ސިޓީއާ ހަވާލާދީ އެފްއޭއެމުން މިއަދު ކްލަބްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ވާދަވެރި މުބާރާތެއް ބޭއްވުމުގެ ގޮތުން، ފީފާ އާއި އޭއެފްސީ އަދި ސަރުކާރާ އެކު، މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި، އެ މަޝްވަރާތަކުން ނިންމުނު ގޮތަކީ، ފީފާ އާއި އޭއެފްސީ އިން ކަނޑައަޅާ އުސޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް، މި މަހުގެ ފަހު ހަފްތާ އިން ފެށިގެން މެއި މަހުގެ ނިޔަލަށް މުބާރާތެއް ބޭއްވުމަށް ކަމަށާއި، ފުރަތަމަ ކަމަކަށް އެ މުބާރާތުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ފީފާ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މި މުބާރާތަކީ އެފްއޭއެމްގެ ފުޓްބޯޅަ ކަލަންޑަރުން ބޭރުން ކުޅެވޭ މުބާރާތަކަށްވާތީވެ، ރެލިގޭޝަނާއި ކްލަބް ލައިސަންސްގެ އުސޫލުތައް މުބާރާތުގެ ގަވާއިދުގައި ނުހިމެނުމަށް ފީފާ އިން ލަފާދީފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެހެންވެ، އެފްއޭއެމް އިން ވަނީ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް، ބުރާސްފަތި ދުވަހު، 16:00 ގެ ކުރިން، އެފްއޭއެމަަށް ލިޔުމަކުން އަންގަން، އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ބުނީ، ވާދަވެރި މުބާރާތެއް ކުޅުމުގެ މަގުސަދަކީ، އަންނަ ޖޫން/ޖުލައި މަހު ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ގައުމީ ޓީމުގެ ސްކޮޑު ނެގުމަށާއި ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

"މި މުބާރާތުގައި ވީހާވެސް ގިނަ ކްލަބްތަކުން ބައިވެރިވެ، ދިވެހިރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށާއި ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކޮށްދެވޭނެ މަސައްކަތެއް ކަމުގައި ދެކެމެވެ." އެފްއޭއެމުން ބުނެފައިވެ އެވެ.