ރާއްޖޭގެ ސުކޫކުގެ އަގު ދުވަހަކު ނުވެއްޓޭހާ ދަށަށް ގޮސްފި

13 އޭޕްރީލް 2025 - 06:42 0

އަހުމަދު އާއިދު

އ

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ރާއްޖޭގެ ސުކޫކުގެ އަގު ދުވަހަކު ނުވެއްޓޭހާ ދަށަށް ގޮސްފި

13 އޭޕްރީލް 2025 - 06:42 0

ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކު ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދުނިޔޭގެ ބާޒާރުގައި ޓްރޭޑުކުރަމުން އަންނަ އަގު ދުވަހަކު ނުވެއްޓޭހާ ދަށް ގޮސްފި އެވެ.

ސުކޫކުގެ އަގު އެންމެ ބޮޑަށް ވެއްޓުނީ އެޕްރީލް 7، ގަ އެވެ. އެ ދުވަހު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 46 ސެންޓު ރޭޓުގަ އެވެ. އެ ދުވަހަށް ފަހު ސުކޫކުގެ އަގު މަތިވަމުންދާއިރު، އަދިވެސް ހުރީ އާންމު މިންގަޑަށްވުރެ ދަށުގަ އެވެ. ހުކުރު ދުވަހު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 68 ސެންޓު ރޭޓުގަ އެވެ.

ރާއްޖޭގެ ސުކޫކުގެ އަގު ރިކޯޑު މިންވަރަކަށް ދަށަށް ގޮސްފައިމިވަނީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރާ 60 ގައުމުގެ ލިސްޓު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން ދުނިޔާގެ އިގުތިސޯދަށް އައިސްފައިވާ ލޮޅުންތަކާއެކު ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ސުކޫކު ޓްރޭޑުކުރަމުންދާ އަގު: ސުކޫކުގެ އަގު ވަނީ ދުވަހަކު ނުވެއްޓޭހާ ދަށަށް ގޮސްފަ -- ޗާޓު: ފްރެންފާޓު ސްޓޮކް އެކްސްޗޭންޖު


މާލީ ލޮޅުން ބޮޑުވެ އެމެރިކާއިން ވަނީ ޗައިނާ ފިޔަވާ އެހެން ގައުމުތަކަށް ކަނޑައެޅި ޓެރިފްތަކަށް އަމަލުކުރުން 90 ދުވަސް ފަސްކޮށްފަ އެވެ. ނަމަވެސް، ޗައިނާގެ މުދަލުން ނަގާ ޓެރިފް އެތައް ގުނައެއް ބޮޑުކޮށްފައިވާއިރު، ޗައިނާއިން ވަނީ ބަދަލުގައި އެމެރިކާގެ މުދަލުން ނަގާ ޓެރިފުތައްވެސް ބޮޑުކޮށްފަ އެވެ.

މިއީ މިދިޔަ އަހަރު ފިޗު ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ސުކޫކުގެ އަގު ދަށްވި ފަހުން، މިހާބޮޑަށް ސުކޫކުގެ އަގު ވެއްޓުނު ފަހަރެވެ. ފިޗު ރޭޓިން އާ ގުޅިގެން ޑޮލަރަކަށް ޖެހޭ ރޭޓު 66 ސެންޓަށް ވެެއްޓުނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސުކޫކުގެ އަގު އެވަރަށް ވެއްޓުނުއިރު، މުޅި ދުނިޔޭގައި ވެސް ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރު ބޮޑުވެ އެކަން ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓު ވެސް ކުރި އެވެ.

އެފަހަރު އަގު ވެއްޓުމުގެ ކުރިން ޓްރޭޑު ކުރަމުން ދިޔައީ ޑޮލަރަކަށް 84 ސެންޓުން މަތީގަ އެވެ. އޭގެފަހުން ސުކޫގެ އަގު އެ ވަރަަކަށް ނާރަ އެވެ. މިދިޔަ ހަފުތާ ސުކޫކުގެ އަގު ވެއްޓުމުގެ ކުރިން ރޭޓު ހުރީ ޑޮލަރަކަށް 81 ސެންޓުގަ އެވެ.

މިދިޔަ އަހަރު، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ދަރަނި ނުދެއްކުމުގެ ހިރާސް އިންތިހާއަށް ބޮޑުވެ، ޑިފޯލްޓު ވެދާނެ ކަމަށް ލަފާކޮށްފަ އެވެ. އޭގެ ފަހަތުގައި ފިޗުން ފާހަގަކުރި ސަބަބުތަކަކީ ބޭރު ފައިސާގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ކުރިއަށް އޮތް އަހަރުތަކުގައި ދައްކަން ޖެހޭ ބޮޑު ދަރަންޏެވެ.

ރާއްޖޭން ދަރާފައިވާ ފައިސާގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޗައިނާ އާއި އިންޑިއާއިން ނަގާފައިވާ ދަރަންޏެވެ.