12 އޭޕްރީލް 2025 - 10:36 0
ލީވާން އަލީ ނާސިރު
ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ފަރުވާދެމުން ދަނިކޮށް މަރުވި ސާޖިދު: އޭނާގެ މަރުގެ މައްސަލައިގައި އެޗްއާރްސީއެމް އިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވޭ -- އާޓްވޯކް: އިސްމާއިލް އިމްދާދު
12 އޭޕްރީލް 2025 - 10:36 0
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި އޭޕްރީލް 4، ގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ މީހާ އެޕްރިލް 10، ގައި މަރުވިއިރު ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަހެއް ނުބުންޏެވެ.
އޭޕްރީލް 2، ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހދ. ކުޅުދުއްފުށި، މަނާޒް، ސާޖިދު ސަމީރު، 34، އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައިގައި އެޗްއާރްސީއެމްގެ ބަހެއް ހޯދަން އޭޕްރީލް 6، ގައި މި ނޫހުން ސުވާލުކުރުމުން މިހާތަނަށް ވެސް ކޮމިޝަނުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސާޖިދު މަރުވީ ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ކުރިން ބުނީ ސާޖިދު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެޗްއާރްސީއެމް އަދި ނެޝަނަލް އިންޓަގިރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށް، ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި 2022 ވަނަ އަހަރު ވެސް މީހަކު އަމިއްލައަށް މަރުވެފައިވެ އެވެ. އެއީ ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވުނު އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.
އޭނާ މަރުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މީގެއިތުރުން އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ސެޕްޓެމްބަރު 2، ގައި މަރުވި އެވެ.
Comment