ފާއިތުވި މަސްދުވަހުގެ މާލީ ހިސާބުތައް ސަރުކާރުން އަދިވެސް ހާމަނުކުރޭ

11 އޭޕްރީލް 2025 - 09:35 0

އަހުމަދު އާއިދު

އ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރު ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހުގައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފާއިތުވި މަސްދުވަހުގެ މާލީ ހިސާބުތައް ސަރުކާރުން އަދިވެސް ހާމަނުކުރޭ

11 އޭޕްރީލް 2025 - 09:35 0

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު ނެރުން އަނެއްކާ ވެސް މެދުކަނޑާލައި، ފާއިތުވި މަހެއްހާ ދުވަހަށްވާ ދައުލަތުގެ މާލީ ހިސާބުތައް ސިއްރު ކޮށްފި އެވެ.

ފިނޭންސުން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު މާޗު 24، ގަ އެވެ. އެފަހަރު އާންމުކުރީ އެ މަހުގެ 13، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ. އެހެންކަމުން ވޭތުވެދިޔަ ދެ ހަފުތާ ދައުލަތުން ކުރި ހަރަދާއި ލިބުނު އާމްދަނީގެ ތަފުސީލު ސާފުވާނެ ގޮތެއް ނެތެވެ.

މިއީ މި ސަރުކާރުން މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024، އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރި އެވެ. އެ ހިސާބުތައް ހާމަކުރަން އެދުމުން އެ ދުވަސްވަރު ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ.

އެ ފަހަރު ސަރުކާރުން މާލީ ހިސާބުތައް އާންމުކުރީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

މާލީ ހިސާބުތައް ސިއްރުކޮށްފައިވާއިރު އެންމެ ފަހުން ނެރުނު ހިސާބުތަކުން ދައްކާ ގޮތުން، ހަރަދު ކުޑަ ކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތައް ނޭޅި މި އަހަރު މިހާތަނަށް ދައުލަތުން މުސާރައަށާއި އާސަންދަ ހިދުމަތް ދިނުމަށް ކުރި ހަރަދު ވަނީ އިތުރުވެފަ އެވެ.

ފިނޭންސުން މާލީ ހިސާބުތައް ނުނެރުނު ނަމަވެސް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވަނީ މަހަކު އެއްފަހަރު އާންމުރާ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބޭނުން ކުރެވޭ ރިޒާވް ހުރީ 170 މިލިއަން ޑޮލަރުގަ އެވެ. މިއީ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދަށްވުރެ ނުވަ މިލިއަން ޑޮލަރު މަދު އަދަދެކެވެ. ރާއްޖޭގެ ރަސްމީ ރިޒާވް ވެސް މާޗު މަހު 791 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 832.1 މިލިއަން ޑޮލަރެވެ.