11 އޭޕްރީލް 2025 - 12:59 0
އަހުމަދު އާއިދު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ): ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 170 މިލިއަން ޑޮލަރު -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
11 އޭޕްރީލް 2025 - 12:59 0
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބޭނުން ކުރެވޭ ރިޒާވް ހުރީ 170 މިލިއަން ޑޮލަރުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދަށްވުރެ ނުވަ މިލިއަން ޑޮލަރު މަދު އަދަދެކެވެ. ރާއްޖޭގެ ރަސްމީ ރިޒާވް ވެސް މާޗު މަހު 791 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 832.1 މިލިއަން ޑޮލަރެވެ.
ނަމަވެސް މިއީ މިދިޔަ އަހަރުގެ ފަހުކޮޅާ އަޅާކިޔާއިރު ރަނގަޅު އަދަދުތަކެކެވެ. އަހަރުގެ ކުރީކޮޅަކީ އާންމުކޮށް ދައުލަތުގެ ރިޒާވު ރަނގަޅުވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވު ހުރީ 100 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.
ބޭނުންކުރެވޭ ރިޒާވު ރަނގަޅުވާނެ ފެށީ މިދިޔަ އަހަރު އިންޑިއާއިން ދިން ކަރަންސީ ސްވޮޕުން ލިބުނު ފައިސާ އާއެކު އެވެ. މީގެ ތެރެއިން 148 މިލިއަން ޑޮލަރު މިހާރު ވެސް ހުރީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓުކޮށްފަ އެވެ. ރާއްޖެއިން މީގެ ކުރިން ނަގާ ކަރަންސީ ސްވޮޕުތަކުން ލިބޭ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކުތަކުގަ އެވެ. އެމްއެމްއޭ އިން މި 148 މިލިއަން ރަސްމީ ރިޒާވުގެ ތެރެއަކު ނުގުނަ އެވެ.
ބޭނުންކުރެވޭ ރިޒާވު ނުވަ މިލިއަނުން ދަށްވިއިރު، މިދިޔަ މަހުގެ ތެރޭ ރާއްޖެއިން ވަނީ ދަރަނި އަނބުރާ ދެއްކުމުގެ ބޮޑެތި ޕޭމަންޓުތަކެއް ހަދައިފަ އެވެ.
އެގޮތުން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނެއް މިދިޔަ މަހުގެ ސަރުކާރުން ދެއްކި އެވެ. އިންޓްރެސްޓާއި އެހެނިހެން ހަރަދުތަކާ އެކީ މި ލޯނަށް އަނބުރާ ދައްކަން ޖެހޭ އަދަދަކީ 126 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން، މިދިޔަ މަހުން ފެށިގެން އެމްއެމްއޭ އިން ހުޅުމާލޭން ބިން ގަންނަން ތައްޔާރުވަމުންދާ ކަމުގެ ހަބަރު ފެތުރި, ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ސަރުކާރާއި އެމްއެމްއޭ އާއި އަދި އެޗްޑީސީން ހާމަނުކުރި ނަމަވެސް, ބިން ގަތުމުގެ މުއާމަލާތް ކުރިއަށްގެންދަން ނިންމާފައިވާކަން ވަނީ ޔަގީންކުރެވިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހުޅުމާލޭން ބިން ގަންނަން އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެސެޓް ބޭސްޑް ޓްރާންސެކްޝަނެއްގެ ގޮތުގައި ހިނގިޔަސް, އެއީ ފައިސާ ޗާޕު ކުރުމެވެ. އެއީ އިގްތިސާދުގެ ތެރެއަށް ފައިސާ ވައްދާތީ އެވެ.
Comment