‏ކުޑަކުދިން ފަލަވުމަށް އަސަރުކުރާ ހަ ކަމެއް ހޯދައިފި‏

11 އޭޕްރީލް 2025 - 03:27 0

އަހުމަދު ދާއޫދު

އ


‏ކުޑަކުދިން ފަލަވުމަށް އަސަރުކުރާ ހަ ކަމެއް ހޯދައިފި‏

11 އޭޕްރީލް 2025 - 03:27 0

ދެކުނު އޭޝިއާގެ ކުޑަ ކުދިންގެ ފަލަވުމުގެ ‏‏މައްސަލައަށް އަސަރުކުރާ މުހިންމު ހަ ކަމެއް ‏ކެނެޑާގެ މެކްމާސްޓަ ޔުނިވާސިޓީގެ ދިރާސާއަކުން ހޯދައިފި އެވެ.

‏"ޖަމާ ނެޓްވޯކް އޯޕެން" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ މައިގަނޑު ހޯދުންތަކުގެ ތެރޭގައި، މަންމައިންނާ ގުޅުންހުރި ތިން ކަމަކާއި، ކުއްޖާއާ ގުޅުންހުރި ތިން ކަމެއް ހިމެނެ އެވެ‏‎.‎

‏މަންމައާ ގުޅުންހުރި ކަންތައްތަކުގެ ތެރޭގައި، މާބަނޑުވުމުގެ ކުރިން ފަލަވެފައި ހުރުމާއި، މާބަނޑު ދުވަސްވަރު ބަރުދަން ‏‏އެކަށީގެންނުވާ ވަރަށް އިތުރުވުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ނުކެއުން ހިމެނިފައިވެ އެވެ‏‎.‎

‏ކުއްޖާއާ ގުޅުންހުރި ކަންތައްތަކުގެ ތެރޭގައި، ގާތުން ކިރުދިނުމުގެ މުއްދަތު ކުރުވުމާއި، ދުވާލެއްގެ މައްޗަށް ކުރާ ޖިސްމާނީ ‏‏ހަރަކާތްތައް މަދުވުމާއި، ސްކްރީން ބަލާ ވަގުތު ގިނަވުން ހިމެނެއެވެ‏‎.‎

‏ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ، ޑރ. ސަންޑީ އަޒާބް ވިދާޅުވީ "ދެކުނު އޭޝިއާގެ ކުދިންނަކީ ފެނޯޓައިޕަކަށް ‏‏ނިސްބަތްވާ ކުދިންނެވެ. މި ކުދިން އާންމުކޮށް އުފަންވާއިރު ހުންނަނީ ލުއި ބަރުދަނެއްގައި ނަމަވެސް، ހަށިގަނޑުގެ މުޅި ‏‏ނިސްބަތުން ވަނީ ބަރުދަން މަތި" ކަމަށެވެ.‎

‏ދިރާސާގެ ކޮރެސްޕޮންޑިން އޯތާ، ޕްރޮފެސަރު ސޮނިޔާ އަނަންޑް ވިދާޅުވީ "އެމީހުންގެ އައު ހޯދުންތަކުން ‏‏ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ، މި ހުރިހާ ކަމަކީވެސް ބަދަލުކުރެވިދާނެ ކަންތައްތަކެއް" ކަމަށެވެ.‎

‏މި ދިރާސާއިން ހުށަހަޅާފައިވާ ގޮތުގައި ސިއްހީ މަރުކަޒުތަކުން، ކުދިންނަށް މި ކަންތައްތަކުގެ ރިސްކް ސްކޯއެއް ދިނުމަކީ ‏‏މުހިންމު ކަމެކެވެ. ރިސްކު މަތި ކުދިން ދެނެގަނެ، އެކުދިންނަށް ހާއްސަ އަޅާލުމެއް ދީ، ފަލަވުމުގެ މައްސަލަ ‏‏ކުޑަކުރުމަށް މަސައްކަތްކުރެވިދާނެއެވެ‏‎.‎

‏މި ދިރާސާއަކީ ކެނެޑާއާއި ޔުނައިޓެޑް ކިންގްޑަމްގެ 3,000 އަށްވުރެ ގިނަ ކުދިން ހިމެނޭގޮތަށް ކުރެވުނު ބޮޑު ދިރާސާއެކެވެ. ‏‏ދިރާސާގައި ދެކުނު އޭޝިއާ އަދި ޔޫރަޕްގެ ދޮން ނަސްލުގެ ކުދިން ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ‏‎.‎

‏ދިރާސާއިން ބާރުއަޅާފައިވަނީ، ފަލަވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ފަރުދީ އަދި މުޖްތަމަޢުގެ ފެންވަރުގައި ބަދަލުތަކެއް ‏‏ގެންނަންޖެހޭ ކަމުގައެވެ. މިގޮތުން، މާބަނޑު އަންހެނުންނަށް ރަނގަޅު ކާނާ ލިބޭނެ ޕްރޮގްރާމްތަކާއި، ގާތުން ‏‏ކިރުދިނުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުން ހިމެނެއެވެ‏‎.‎