Advertisement

ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު މީހާ މަރުވެއްޖެ

10 އޭޕްރީލް 2025 - 18:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން: އެ ތަނުގައި އަމިއްލައަށް މަރުވާން އުޅުނު މީހަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައި -- ފޮޓޯ: ޕޮލިސް


ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު މީހާ މަރުވެއްޖެ

10 އޭޕްރީލް 2025 - 18:32 0

ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި އެޕްރިލް 4، ގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.

މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން އެޕްރިލް 2، ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 34 އަހަރުގެ އެ މީހާ މަރުވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ކުރިން ބުނީ އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން އެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ވެސް ފޮނުވާނެ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި 2022 ވަނަ އަހަރު މީހަކު އަމިއްލައަށް މަރުވެފައިވެ އެވެ. އެއީ ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވުނު އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.

އޭނާ މަރުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.