ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅިތާ 230 ދުވަސް، ކުރިއެރުމެއް ނުލިބޭ

16 އޭޕްރީލް 2025 - 04:40 0

އަހުމަދު އާއިދު

އ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ: ސަައީދު ވަނީ ޕޭޕަލްގެ އިސްވެރިިންނާ މަޝްވަރާކުރައްވަން އެމެރިކާއަށް ވެސް ވަޑައިގެންފައި --- ފޮޓޯ: ރައީސް އޮފީސް


ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅިތާ 230 ދުވަސް، ކުރިއެރުމެއް ނުލިބޭ

16 އޭޕްރީލް 2025 - 04:40 0

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކާށާއި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށް ޓަކައި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ފުޅާކުރުމަށް، އެ ކުންފުންޏަށް ސަރުކާރުން ޕްރޮޕޯސަލް ހުށަހެޅިތާ 230 ދުވަސްވީއިރު އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ސަރުކާރުން ޕޭޕަލްއަށް ޕްރޮޕޯސަލް އެއް ހުށަހެޅިކަން ރަސްމީކޮށް އިއުލާނުކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1، ގައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މާހިރުންގެ މަޝްވަރާތަކާއެކު ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށަހެޅީ އޭގެ ދެ ދުވަސް ކުރިން ކަމަށެވެ.

"އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް. ސީދާ އަދި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ ކޮންއިރަކުކަމެއް ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށޭނީ. ނަމަވެސް ޕޭޕަލް ރާއްޖެއަށް ގެނެވޭނެ،" އެ ދުވަހު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި މުއްދަތުން މިއަދާ ހަމައަށް ހިނގި މުއްދަތު ހިސާބުކުރާއިރު، ރާއްޖޭގެ ރަސްމީ ހުށަހެޅުން ޕޭޕަލްއަށް ލިބުނުތާ 230 ދުވަސް ވެއްޖެ އެވެ. ނަމަވެސް މިއަދާ މިއަދާ ހަމައަށް ޕްރޮޕޯސްއާ ގުޅޭގޮތުން ޕޭޕަލްގެ ފަރާތުން ރާއްޖެއަށް ޖަވާބެއް ދިންކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ސަރުކާރުން ހާމަނުކުރެ އެވެ.

އިތުބާރުހުރި މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި ޕޭޕަލްއިން މި ހުށަހެޅުމާ މެދު ގޮތެއް ނުނިންމާ ވަނީ އެ ކުންފުނިން ބޭނުންވާ ބައެއް ކަންކަން ފުރިހަމަކުރެވިދާނެ ކަމުގެ ޔަގީންކަން ނުދެވޭތީ އެވެ. އެހެންވެ އެ ކުންފުނީގެ ހިދުމަތްތައް ތައާރަފުކުރުމަށް 'ފެހި ސިގްނަލެއް' ލިބިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭޕަލް އާއެކު ދިވެހި ރާއްޖެއަށް އެއްބަސްވުމަކަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ކްރޮސް ބޯޑާ ޓްރާންސެކްޝަން އާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ އުސޫލުތަކެވެ. މިކަމާ ގުޅިގެން ޕޭޕަލް އިން ބޭނުންވި އިތުރު މައުލޫމާތު ދިން ކަމަށް މިނިސްޓަރު ސައީދު ސެޕްޓެމްބަރު 17، 2024 ގައި ވިދާޅުވި އެވެ.

ޕޭޕަލްއަށް ރާއްޖޭގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން މިދިޔަ އަހަރުގެ ޖުލައި މަހު މިނިސްޓަރު ސައީދު އެމެރިކާއަށް ވެސް ވަޑައިގެންނެވި އެވެ. މި ދަތުރުގެ ތެރޭގައި ދިވެހި ސަރުކާރުން އެމެރިކާއާއެކު ރަސްމީ ވިޔަފާރީގެ މަޝްވަރާތަކެއް ކުރި ކަމަށް އޭރު ބުނެފައިވެ އެވެ.

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.