އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ ތަހުގީގު ނުނިމެނީސް ސުހައިލްއަށް ޑެޕިއުޓީ މިނިސްޓަރުކަން

10 އޭޕްރީލް 2025 - 01:46 1

އަހުމަދު އާއިދު

އ

އެފްއެސްއެމްގެ ކުރީގެ އެމްޑީ ސުހައިލް : އޭނާ އައްޔަންކޮށްފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު، އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރަކަށް ---


އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ ތަހުގީގު ނުނިމެނީސް ސުހައިލްއަށް ޑެޕިއުޓީ މިނިސްޓަރުކަން

10 އޭޕްރީލް 2025 - 01:46 1

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެލުގެ ބޮޑު ވައްކަން ތަހުގީގުކުރަމުން ދަނިކޮށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް އަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު، އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

އަދަދު އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސުހައިލް މި މަގާމަށް އައްޔަން ކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ސުހައިލް ވެސް ހިމެނޭ ގޮތަށް ތުހުމަތު ކުރެވޭ ބޮޑު މައްސަލައެއްގެ ތަހުގީގު ކުރަމުން ދަނިކޮށް އޭނާ އަށް ބޮޑު މަގާމެއް ދިނީ، ސަރުކާރުގެ ވަޒީރަކާ އޮތް ގާތް ގުޅުމުގެ ސަބަބުން ކަަމަށް މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ. އަދި

ޑެޕިއުޓީ މިނިސްޓަރުކަން ސުހައިލަށް ދިނުން ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ޝައްކުކުރެވޭ މައްސަލައާ ގުޅިގެން ޑިސެމްބަރު 1، 2024 އާ ހަމައަށް 10 މީހަކާއި ދެ ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ރެއިޑުތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވާ ހޯމް މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވި އެވެ.

މިނިސްޓްރީގެ މި ޕޯސްޓުގައި ސުހައިލް ފެންނަން އެބަހުރި


ފުލުހުން އަދިވެސް ތަހުގީގުކުރަމުންދާ މި މައްސަލާގައި ތުހުމަތުކުރެވޭ އެކެއްގެ ބޭންކު އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެއީ އެ ކުންފުނީގެ ތެޔޮ ބާޖެއްގެ ކައްޕި އެކެވެ. އޭނާގެ މަހު މުސާރައަކީ 35،000ރ. އެވެ.

މައްސަލަތައް ފެންމަތިވުމާ ގުޅިގެން އެފްއެސްއެމްގެ އެމްޑީ ކަމުން ނޮވެމްބަރު 26، 2024 ގައި ސުހައިލް އިސްތިއުފާ ދެއްވީ އޭނާ ވަކިކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ނިންމާފައި ވަނިކޮށެވެ.

ތެލުގެ ވައްކަމުގެ މައްސަލައިގައި ސުހައިލުގެ ގެ ވެސް ބަލައި ފާސްކުރި އެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ ވަކިވެސް ކޮށްފަ އެވެ. ވަކިކުރި ބައެއް މުވައްޒަފުންނަށް އަނބުރާ ވަޒީފާ ވެސް ދީފައިވެ އެވެ.

ތެލުގެ ވައްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބެލި އެވެ.