11 އޭޕްރީލް 2025 - 02:54 0
އަހުމަދު ދާއޫދު
މޮޓްރޮއްލާ އާ ފޯން
11 އޭޕްރީލް 2025 - 02:54 0
މޮޓްރޮއްލާއިން 2025 ވަނަ އަހަރު ނެރެން ތައްޔާރުކުރަމުންދާ އާ މޮޓޯ ޖީ ސްޓައިލަސް (ބަޖެޓް) ފޯނުގައި ސުޕަ ފާސްޓް ޗާޖިން ހިމަނާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ހަތަރު ސަތޭކަ ޑޮލަރުގެ މި ފޯނުގައި ހިމެނޭ 5،000 މިލީއެމްޕަޔާގެ ބެޓެރީ އެއްކޮށް ޗާޖުވާން ނަގާނީ އެންމެ 15 މިނެޓްކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި ފޯނުގައި ހިމެނޭ އެހެނިހެން ހާއްސަ ކަންތައްތަކުގެ ތެރޭގައި 6.7 އިންޗީގެ ސުޕަ އެޗްޑީ ޕީއޯއެލްއީޑީ ސްކްރީނެއް ހިމެނެ އެވެ. މި ސްކްރީނުގެ އުޖާލާކަން 3،000 ނިޓްސްއަށް އަރައެވެ. މީގެ އިތުރުން މި ފޯނުގައި ސްނެޕްޑްރެގަން 6 ޖެން 3 ޕްރޮސެސަރާއި 8 ޖީބީ ރޭމް ހިމެނެ އެވެ.
ކެމެރާގެ ގޮތުގައި މި ފޯނުގައި ހިމެނެނީ 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 13 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެކެވެ. އަދި ސެލްފީ ކެމެރާގެ ގޮތުގައި 32 މެގަޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެއެވެ.
މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހާއްސަ ކަމަކީ އޭގައި ހިމެނޭ ސްޓައިލަސް އެވެ. މި ސްޓައިލަސް ބޭނުންކޮށްގެން ފޯނުގައި ކުރެހުމާއި ލިޔުން ފަދަ ކަންކަން ކުރެވޭނެއެވެ. އަދި އެންޑްރޮއިޑްގެ އެންމެ ފަހުގެ ފީޗަރ ކަމަށްވާ "ސާކަލް ޓު ސާޗް" ވެސް މި ސްޓައިލަސް މެދުވެރިކޮށް ބޭނުންކުރެވޭނެ އެވެ.
މޮޓޯރޯލާއިން ބުނާ ގޮތުގައި މި ފޯނުގެ ބެޓެރީ ދެމިހުންނާނީ 40 ގަޑިއިރު ވަންދެނެވެ. އަދި ބެޓެރީ ހުސްވުމުން އަލުން ފުލް ޗާޖުކުރުމަށް ބޭނުންކުރެވޭނީ މޮޓޯރޯލާގެ 68 ވޯޓްގެ ޓާބޯ ޕަވަރ ޗާޖަރެވެ. މީގެ އިތުރުން މި ފޯނުގައި 15 ވޯޓްގެ ވަޔާލެސް ޗާޖިން ވެސް ހިމެނެއެވެ.
ފަސް ސަތޭކަ ޑޮލަރަށްވުރެ ކުޑަ އަގެއްގައި އެންމެ ރަނގަޅު ސްޕެސިފިކޭޝަންތައް ހިމެނޭ ފޯނެއް ނެރުމަށް ގިނަ ކުންފުނިތަކެއް ވާދަކުރަމުންދާއިރު، މޮޓޯރޯލާގެ މި އައު ފޯނަކީ އެ ދާއިރާގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފޯނު މާރުކޭޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން މިހާރު އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދެމުންދަނީ ފޯނުތައް އަވަހަށް ޗާޖުކުރެވޭނެ ގޮތްތަކަށެވެ. މިގޮތުން އޮންޕްލަސްގެ ސުޕަވޫކް ޓެކްނޮލޮޖީ ބޭނުންކޮށްގެން 240 ވޯޓަށް ޗާޖުކުރެވޭއިރު، މޮޓޯރޯލާގެ ޓާބޯޗާޖް ޓެކްނޮލޮޖީ އާންމުކޮށް 125 ވޯޓަށް ޗާޖުކުރެވެއެވެ. އަގުހެޔޮ ފޯނުތަކުގައި މިފަދަ ޓެކްނޮލޮޖީތައް ހިމެނުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
މޮޓޯ ޖީ ސްޓައިލަސްގައި ހިމެނޭ އެހެނިހެން ޚާއްޞަ ކަންތައްތަކުގެ ތެރޭގައި އައިޕީ68 ފެންވަރުގެ ފެނާ ކުނޑިން ރައްކާތެރިކަން ލިބިފައިވުމާއި، މިލިޓަރީ ގްރޭޑްގެ ދެމެހެއްޓެނިވިކަން ހިމެނެއެވެ. މި ފޯނު ލިބެން ހުންނާނީ ދެ ކުލައެއްގައެވެ. އެއީ ކަނޑުގެ ފުން ނޫކުލައާއި އުޖާލާ ނޫކުލައެވެ.
މި ފޯނު ވިއްކަން ފަށާނީ އޭޕްރިލް 17 ވަނަ ދުވަހުންނެވެ. 128 ޖީބީގެ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގަކީ 400 ޑޮލަރެވެ. ގޫގުލްގެ ޕިކްސެލް 9އޭ އާއި އެހެނިހެން އަގުހެޔޮ ފޯނުތަކާ އަޅާބަލާއިރު މި ފޯނު ހުންނަ ފެންވަރު ދެނެގަތުމަށް ޓެސްޓުތަކެއް ހަދާނެ ކަމަށް ފޯނު މާރުކޭޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment