6 އޭޕްރީލް 2025 - 01:56 0
އަހުމަދު ދާއޫދު
އެކިމީހުން ރައްކާތެރި ކަމަށް ގަބޫލުކުރަނީ އެކި އެޕްތައް
6 އޭޕްރީލް 2025 - 01:56 0
ފަހަކަށް އައިސް މެސެޖިން އެޕްތަކުގެ ސަލާމަތީ ނިޒާމުތަކަށް އިތުރު ސަމާލު ކަމެއް ލިބެމުން ދަނީ އެމެރިކާ ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންގެ ސިގްނަލް ގްރޫޕަކަށް ނޫސްވެރިއަކު އޮޅުމަކުން ވައްދައިގެން ދިމާވި ހާދިސާއަކާއި ގުޅިގެންނެވެ. މި ގްރޫޕް ޗެޓްގައި ހުރީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ދޭން ރާވާފައިވާ ހަމަލާއަކާ ގުޅޭ މަޝްވަރާތަކެކެވެ.
މި ހާދިސާއިން މުހިންމު ސުވާލެއް އުފެދިގެން އައިސްފައިވެ އެވެ. އެސުވާލަކީ އާންމުކޮށް ބޭނުންކުރާ މެސެޖިން އެޕްތަކުގެ ތެރެއިން އެންމެ ރައްކާތެރިވެގެންވަނީ ކޮން އެޕެއްތޯ؟ އެހެންވެ، މި ލިޔުމުގައި އެކި މެސެޖިން އެޕްތަކުގެ ސަލާމަތީ ފީޗާތަކާ ބެހޭގޮތުން ކުރުގޮތަކަށް ބަލައިލާނަމެވެ.
ސިގްނަލްއަކީ ފުރިހަމަ އެންޑް-ޓު-އެންޑް އެންކްރިޕްޝަން (E2EE) ލިބިފައިވާ އެޕެކެވެ. މިއިން އެނގެނީ މެސެޖުތައް އެންކްރިޕްޓް ކުރެވިފައިވާ ފޯމެޓެއްގައި ފޮނުވި އަދި ހަމައެކަނި އެ މެސެޖް ކިޔޭނީ ލިބެންވާ ފަރާތަށް އެކަނި ކަމެވެ. ސިގްނަލްގެ އެންކްރިޕްޝަން ނިޒާމުގެ މައިގަނޑު ބައެއްގެ ގޮތުގައި ބޭނުން ކުރެވެނީ "ސިގްނަލް ޕްރޮޓޮކޯލް" އެވެ. މިއީ އޯޕަން ސޯސް ޕްރޮޓޮކޯލަކަށްވުމުން، ތިންވަނަ ފަރާތްތަކަށް އޭގެ ސަލާމަތީ ދަޢުވާތައް ޗެކްކުރެވޭނެއެވެ.
ސިގްނަލްއިން އިތުރު މަންފާއެއްގެ ގޮތުގައި ފޯނު ނަންބަރު ބޭނުން ނުކޮށް އެ ސާވިސް ބޭނުންކުރެވުމުގެ އިހުތިޔާރު ލިބެއެވެ. އަދި ކޮންޓެކްޓް ވެރިފިކޭޝަންގެ ހާއްސަ ފީޗާއެއް ލިބިފައިވުމުން މެސެޖު ކުރާ ފަރާތަކީ ހަގީގަތުގައިވެސް އެފަރާތްކަން ކަށަވަރު ކުރެވޭނެއެވެ. އެހެންކަމުން ޖުމްލަކޮށް ބުނާނަމަ، ސިގްނަލްއަކީ އެންމެ ރައްކާތެރި އާންމު އެއް މެސެޖިން އެޕްކަމުގައި ބެލެވިދާނެއެވެ.
އައިފޯން ބޭނުންކުރާ ފަރާތްތަކަށް މުއާމަލާތް ކުރެވޭނަމަ، އެޕަލްގެ އައިމެސެޖްއަކީ އެންމެ ރަނގަޅު އަދި ރައްކާތެރި ހިޔާރެވެ. ސިގްނަލްއާ ހިލާފަށް، އެޕަލްގެ ޕްރޮޓޮކޯލްއަކީ އަމިއްލަ މިލްކިއްޔާތެއްގެ ދަށުގައިވާ ސިސްޓަމަކަށްވުމުން ތިންވަނަ ފަރާތްތަކަށް އޭގެ ސަލާމަތީ ނިޒާމާ ބެހޭ މަޢުލޫމާތު ޙިއްޞާ ކުރެވިފައެއް ނުވެއެވެ.
އައިމެސެޖްގެ މައިގަނޑު ފައިދާއަކީ އެއީ ގްރޫޕް ޗެޓްތަކުގައި 1:1 އެންކްރިޕްޝަން މޮޑެލް ބޭނުންކުރާތީ އެވެ. މާނައަކީ ކޮންމެ މެސެޖެއް ގްރޫޕްގެ ކޮންމެ މެންބަރަކަށް ވަކިން އެންކްރިޕްޓް ކުރެވެއެވެ. އަދި އެޕަލް ބުނާގޮތުގައި އެކުންފުނީގެ އެންކްރިޕްޝަންއަކީ "ޕޯސްޓް-ކުއަންޓަމް ކޮމްޕިއުޓިންގ" އަށް ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ.
ނަމަވެސް، އައިމެސެޖްގެ ދެ މައިގަނޑު އުނިކަމެއް ފާހަގަކުރެވެއެވެ. ފުރަތަމައީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތަކަށް މެސެޖް ކުރާނަމަ، އެންކްރިޕްޝަން ލިބޭ ނިޒާމެއްގެ ބަދަލުގައި RCS ނުވަތަ SMS ބޭނުންވާނެއެވެ. ދެވަނައީ އައިކްލައުޑް ބެކަޕް ބޭނުންކުރާނަމަ އަދި "އެޑްވާންސްޑް ޑޭޓާ ޕްރޮޓެކްޝަން" ބޭނުން ނުކުރާނަމަ، މެސެޖުތަކުގެ ކޮޕީއެއް އެޕަލްގެ ސަރވަރތަކުގައި ރައްކާކުރެވޭނެއެވެ.
ވޮޓްސްއެޕް ބޭނުންކުރަނީ ސިގްނަލް ޕްރޮޓޮކޯލްއެވެ. މާނައަކީ މެސެޖުތަކުގެ އަސްލު ހިމާޔަތްކުރުމަށް އިތުބާރުހުރި ރައްކާތެރި ނިޒާމެއް ފޯރުކޮށްދޭކަމެވެ. ނަމަވެސް، މެސެޖުގެ މައުލޫމާތު (މެޓަޑޭޓާ) އެންކްރިޕްޓްކުރެވިފައެއް ނުވެއެވެ. މި އެޕްގެ އެންމެ މުހިންމު މަންފާއަކީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ އެޕަކަށްވުމެވެ.
ނަމަވެސް ބައެއް މީހުން ވަޓްސްއެޕް ބޭނުންކުރުމަށް ޝައުޤުވެރިކަން ކުޑަވަނީ އެއީ މެޓާގެ ދަށުން ހިންގޭ އެޕަކަށްވެފައި، މެޓާއަކީ ޔޫޒާ ޑޭޓާ ބޭނުންކުރުމުގައި އެހާ ރަނގަޅު ތާރީހެއް ނެތް ކުންފުންޏަކަށްވާތީ އެވެ.
ޓެލެގްރާމްއަކީ ޑީފޯލްޓްކޮށް E2EE މެސެޖިންގ ޕްލެޓްފޯމެއް ނޫނެވެ. ކޮންމެ ޢާންމު މެސެޖެއްވެސް ޓްރާންޒިޓްގައި އެންކްރިޕްޓް ކުރެވިފައިވާނެއެވެ. އަދި ޓެލެގްރާމްގެ ސަރވަރުތަކުގައި ރައްކާކުރާއިރުވެސް އެންކްރިޕްޓްކުރެވިފައި ހުންނާނެއެވެ. ނަމަވެސް މިއީ ހަމައެކަނި މެސެޖު ލިބެންވާ ފަރާތަށް ކިޔޭގޮތަށް އެންކްރިޕްޓް ކުރުމެއް ނޫނެވެ.
ޓެލެގްރާމްގައި "ސީކްރެޓް ޗެޓް" ގެ ޚާއްޞަ ފީޗަރ ލިބޭ ނަމަވެސް، މެސެޖިންގ ސަލާމަތްކަމަށް އިސްކަންދޭ ފަރާތްތަކުން މިދެންނެވި އެހެން އެޕްތައް ބޭނުން ކުރުން މާ ބުއްދިވެރިއެވެ.
މެޓާގެ "އަނެއް" މެސެޖިންގ ޕްލެޓްފޯމްއަކީ މެސެންޖަރއެވެ. މި އެޕްވެސް E2EE ތަޢާރަފްކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. މީގެ އެންމެ ބޮޑު އުނިކަމަކީ މި ބަދަލު ގެނެވެނީ މުޅި ސިސްޓަމަށް އެއްފަހަރާ ނޫންކަމެވެ. ނަތީޖާއެއްގެ ގޮތުން ސަލާމަތްކަމާއެކު އެންކްރިޕްޓް ކުރެވިފައިވާނީ ކޮން ޗެޓެއް ކަން އަދި އެހެން އެންކްރިޕްޓް ކުރެވިފައި ނުވަނީ ކޮން ޗެޓެއްކަން ޢާންމު ބޭނުންކުރާ ފަރާތްތަކަށް އެނގުން އުނދަގޫވާނެއެވެ.
ނަމަވެސް ހަނދާންކުރަންޖެހޭ މުހިންމު ނުކުތާއަކީ، މެސެޖިންގ ޕްލެޓްފޯމެއްގެ އެންކްރިޕްޝަން ކިތަންމެ ރައްކާތެރި ވިޔަސް، ގްރޫޕް ޗެޓެއްގައި ވަކި މީހަކު ހިމަނައިފިނަމަ، އެމީހަކަށް އެ މެސެޖު ކިޔޭނެއެވެ. އަދި މިއީ އެންކްރިޕްޝަންގެ މައްސަލައެއް ނޫންނެވެ. އެހެނެއްކަމަކު އެއީ އިންސާނީ އޮޅުމުގެ ނަތީޖާއެކެވެ.
މި އެޕްތަކުގެ ވަރަށް ގިނަ ބައިތައް ސަލާމަތްކަން ކަށަވަރުކޮށްދިނުމަށް E2EE ފޯރުކޮށްދެއެވެ. ނަމަވެސް، މެސެޖެއް ނޫސްވެރިއަކަށް ފޮނުވައިފިނަމަ، ސިއްރުކަން ދެމެހެއްޓޭނެކަމުގެ ޔަޤީންކަމެއް ނޯންނާނެތާއެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment