9 އޭޕްރީލް 2025 - 05:56 0
ސާއިފް ޝިޔާދު
9 އޭޕްރީލް 2025 - 05:56 0
ވޮޝިންޓަން، އެމެރިކާ (އެޕްރީލް 9) - ބުދަ ދުވަހުން ފެށިގެން އެމެރިކާއަށް އިމްޕޯޓު ކުރާ ޗައިނާގައި އުފައްދާ މުދަލުން ނަގާ ޓެރިފްގެ ރޭޓު 104 ޕަސެންޓަށް ބޮޑުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމަށް ވަޑައިގަތުމަށް ފަހު 20 ޕަސެންޓުގެ ޓެރިފެއް ޗައިނާގެ މުދަލުން ނަގަން ފެށި އެވެ. އެއަށްފަހު އިއުލާނުކުރި 34 ޕަސެންޓުގެ ޓެރިފްއާއެކު ޗައިނާއިން އެމެރިކާއަށް މުދާ އިމްޕޯޓް ކުރާނަމަ 54 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމި އެވެ.
އޭގެ ރައްދެއްގެ ގޮތުން ޗައިނާއިން ނިންމީ އެމެރިކާގެ މުދަލުން 34 ޕަސެންޓުގެ ޓެރިފެއް ނެގުމަށެވެ. އެ ނިންމުމާ ގުޅިގެން 104 ޕަސެންޓަށް ޓެރިފް ބޮޑުކުރަން ނިންމާފައިވާކަން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވަނީ ހާމަކުރައްވާފަ އެވެ.
"ޗައިނާ ފަދަ ގައުމުތަކުން ބަދަލު ހިފުން ހިޔާރުކޮށް، އެމެރިކާގެ މަސައްކަތްތެރިންނާ މެދު ކުރާ ގޯނާތައް ދެ ގުނައަށް އިތުރުކުރުމަކީ ގޯހެއް. ޗައިނާއިން ބޭނުންވަނީ އެއްބަސްވުމެއް ހަދަން، އެ މީހުންނަށް އެކަން ކުރާނެ ގޮތެއް ނޭނގޭ،" ލެވިޓް ވިދާޅުވި އެވެ.
ޗައިނާގެ ޖުމްލަ ޓެރިފް ރޭޓް ބޮޑުކުރުމުގެ އިތުރުން، ރައީސް ޓްރަމްޕް ވަނީ އަންގާރަ ދުވަހުގެ ރޭ ޗައިނާއިން އެތެރެކުރާ 800 ޑޮލަރު ހަމަނުވާ މުދަލުން ނަގާ ޓެރިފް ވެސް ތިން ގުނަ ބޮޑުކޮށްފަ އެވެ.
"ޗައިނާއާ ދެކޮޅަށް ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ފަރާތުން ދިނުމަކީ ގޯހެއްގެ މައްޗަށް ހެދުނު ގޯހެއް، އަނެއްކާވެސް ހާމަވެގެންދިޔައީ އެމެރިކާގެ ބްލެކްމެއިލް ކުރުމުގެ ސިފަ،" ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޗައިނާއަކީ މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ މުދާ އެމެރިކާއަށް އިމްޕޯޓު ކުރި ގައުމެވެ. ޗައިނާއިން މިދިޔަ އަހަރު 439 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އިމްޕޯޓު ކުރި އެވެ. ނަމަވެސް، ޗައިނާއަށް އިމްޕޯޓުކުރީ އެމެރިކާގައި އުފައްދާ 144 ބިލިއަން ޑޮލަރުގެ މުދަލެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment