Advertisement

ވެރިކަމަށް 500 ދުވަސް ވީއިރު ވެރިންގެ މާލީ ބަޔާންތައް ހާމަނުކުރޭ

9 އޭޕްރީލް 2025 - 11:39 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ ރިޔާސަތުގައި : ވެރިކަމަށް 500 ދުވަސް ވީއިރުވެސް ވެރިންގެ މާލީ ބަޔާންތައް ހާމަކޮށްފައެއް ނުވޭ --- ފޮޓޯ: ރައީސް އޮފީސް


ވެރިކަމަށް 500 ދުވަސް ވީއިރު ވެރިންގެ މާލީ ބަޔާންތައް ހާމަނުކުރޭ

9 އޭޕްރީލް 2025 - 11:39 1

ހާމަކަން ބޮޑުކޮށް ހިންގާނެ ކަމަށް ބުނި މި ސަރުކާރަށް 500 ދުވަސް ވީއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަނުކޮށް ސިއްރުކޮށްފި އެވެ.

ސަރުކާރުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ ވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުން ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހެން ވިދާޅުވީ އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް މިއަދަށް 509 ދުވަސް ވަނީ ފުރިފަ އެވެ. ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާތަނަށް ރައީސުލްޖުމްހުރިއްޔާއިން ފެށިގެން މިނިސްޓަރުންގެ ނައިބުންނާ ހަމައަށް ތިއްބެވި އެއްވެސް ބޭފުޅެއްގެ މާލީ ބަޔާން އާންމުކޮށްފައެއް ނުވެ އެވެ.

މިކަން ލަސްވަނީ ކީއްވެތޯ އަދަދު އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. މާލީ ބަޔާންތައް ހާމަކުރާނެ ތާރީހެއް ވެސް ނުދެއްވަ އެވެ.

މި ސަރުކާރުގެ ވެރިންގެ މާލީ ބަޔާންތައް ހާމަނުކޮށް ލަސްކޮށްފައިވާއިރު، ރައީސް މުއިއްޒު ހިމެނޭހެން އެކި މަގާމުތަކުގައި ތިބި ވެރިންނަށް ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތައް އާންމުން ދަނީ ކުރަމުންނެވެ. މިފަދަ އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅާފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.

އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.