8 އޭޕްރީލް 2025 - 17:57 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ދުންފަތް މަނާކުރަން ނެގި ޕޯލަށް ލިބުނީ ނިސްބަތުން މަދު ވޯޓެއް --- ފޮޓޯ: ރައީސް އޮފީސް
8 އޭޕްރީލް 2025 - 17:57 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ގޮތަށް، ވަކި އަހަރަކަށް ވުރެ ފަހުން ވިހެއި މީހުންނަށް ދުންފަތް މަނާކުރާ "ޖެނަރޭޝަން ބޭން" ފަށާ އަހަރު ކަނޑެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ނެގި ޕޯލުގައި، 2000 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް ދުންފަތް މަނާކުރަން ތާއީދު ލިބިއްޖެ އެވެ.
ރައީސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން އެޕްރީލް 3، ގައި ހުޅުވި ޕޯލުގައި ވިދާޅުވީ މި ވިސްނުން ގެންގުޅުއްވާ ކަން ހާމަކުރެއްވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނު ހުށަހެޅުއްވި އަހަރުތަކެވެ.
އެ ދުވަހު ރައީސް ހުށަހެޅުއްވީ ތިން ގޮތެކެވެ. އެއީ 2000 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް، ނޫނީ 2004 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެނަށް ނޫނީ 2007 ވަނަ އަހަރުން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ ހުރިހާ އުފެއްދުމެއް މަނާކުރުމެވެ.
ރައީސްގެ އެކްސް އަދި ފޭސްބުކް އެކައުންޓުން ހުޅުވާލި ޕޯލަށް ޖުމްލަ ލިބިފައިވަނީ 10,694 ވޯޓެވެ. ސޯޝަލް މީޑިއާގައި އެކަކު އެތައް އެކައުންޓެއް ގެންގުޅޭތީ މިއީ ކޮންމެ ވޯޓަކީ ވަކި މީހެއް ކަމަށް ބުނަން ދައްޗެވެ.
ރައީސްގެ ޕޯލަށް ލިބުނު ޖުމްލަ ވޯޓުގެ 61 ޕަސެންޓު ވޯޓު ލިބުނީ 2000 އިން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ. މިގޮތަށް ގާނޫނު ބަދަލުކޮށްފިނަމަ މި އަހަރު އުމުރުން 25 އަހަރު ފުރޭ މީހުންނަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ އެވެ.
މިފަދަ ގާނޫނެއް ވުޖޫދުވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ އެންމެ ދުވަސްވީ އާބާދީއަކަށް ދުންފަތް މަނާކުރި ގައުމަށެވެ. ރައީސްގެ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިއަދު ވަނީ ނިންމެވުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.
ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅައިގެން, ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.
ނަތީޖާއެއްގެ ގޮތުން ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދި، ކޮލެޓީ ދަށް ސިނގިރޭޓުގެ ވިޔަފާރި ވަނީ ފުޅާވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment