8 އޭޕްރީލް 2025 - 12:59 0
8 އޭޕްރީލް 2025 - 12:59 0
މުމްބާއި (އޭޕްރީލް 8) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން 12 ލަނޑުން މުމްބާއި އިންޑިއަންސް ބަލިކޮށްފި އެވެ.
ބެންގަލޫރުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ބެންގަލޫރު ބަލިވީ އަމިއްލަ ދަނޑުގައި، ގުޖުރާތު ޓައިޓަންސް އަތުންނެެވެ. ބެންގަލޫރު މޮޅުވީ، ރަށުންބޭރުގައި އައިޕީއެލްގެ އެންމެ ކާމިޔާބު ތިން ޓީމު އަތުންނެވެ. އެއީ، ކަލްކަތާ ނައިޓް ރައިޑާސް، ޗެންނާއި ސުޕަ ކިންގްސް އަދި މުމްބާއި އަތުން މޮޅުވީ، ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ.
މުމްބާއިގެ މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މުމްބާއި އިން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 221 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 42 ބޯޅައިން 67 ލަނޑު ހެދި، ވިރާތު ކޯލީ އާއި 32 ބޯޅައިން 64 ލަނޑު ހެދި، ޓީމުގެ ކެޕްޓަން، ރަޖަތު ޕަތީދާރު އެވެ.
މި އިނިންގްސްގައި، މުމްބާއިގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ދެ ވިކެޓް ނެގި އެވެ. އެކަމަކު، އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައި، ޖަސްޕްރީތު ބުމްރާ، ހަތަރު އޯވަރުގައި އުކި ނަމަވެސް ވިކެޓެއް ނުނެގުނެވެ.
ޖަވާބުގައި ކުޅެން އަރައި، މުމްބާއި އަށް 20 އޯވަރު ހަމަވިއިރު، އެއްކުރެވުނީ، ނުވަ ކުޅުންތެރިން ނުބައިވެގެން 209 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 29 ބޯޅައިން 56 ލަނޑު ހެދި ތިލަކް ވަރުމާ އާއި 15 ބޯޅައިން 42 ލަނޑު ހެދި ޕާންޑްޔާ އެވެ.
މި އިނިންގްސްގައި، އެންމެ ރަނގަޅު ކުޅުމެއް ބެންގަލޫރަށް ދެއްކީ، ހަތަރު ވިކެޓް ނެގި ކުރްނާލް ޕާންޑްޔާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment