ނަޕޯލީ އެއްވަރުވުމުގެ ފައިދާ އިންޓަ އަށް

8 އޭޕްރީލް 2025 - 07:47 0


ނަޕޯލީ އެއްވަރުވުމުގެ ފައިދާ އިންޓަ އަށް

8 އޭޕްރީލް 2025 - 07:47 0

ޓިއުރިން (އޭޕްރީލް 8) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީން ކުޅުނު މެޗުގައި ބޮލޯނިއާއާ 1-1 އިން ނަޕޯލީ އެއްވަރުވުމުން، ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާންގެ ލީޑު ސަލާމަތްވެއްޖެ އެވެ.

ލީގުގައި މި ހަފްތާގައި، އެއް ވަނައިގައި އޮތް އިންޓަ މިލާން ކުޅުނު މެޗު ވަނީ 2-2 އިން ޕާމާއާ އެއްވަރުވެފަ އެވެ. އެހެންވެ، އިންޓައާ ގާތަށް ޖެހިލަން ނަޕޯލީ އަށް އޮތީ ފުރުސަތު ހުޅުވިފަ އެވެ. އެކަމަކު، ނަޕޯލީ ވެސް އެއްވަރުވުމުން، އިންޓަ، އެއް ވަނައިގައި އޮތީ ތިން ޕޮއިންޓު ކުރީގަ އެވެ.

އެއް ވަނައިގައި އޮތް އިންޓަ އަށް ވަނީ 31 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 31 މެޗުން 65 ޕޮއިންޓެވެ.

ބޮލޯނިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި، ނަޕޯލީން ވަނީ 18 ވަނަ މިނިޓްގައި ޒަމްބޯ އަންގީސާގެ ގޯލުން ލީޑުނަގައިފަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ ނެތި ނަޕޯލީން ކުޅުނު މި މެޗުގައި އެ ޓީމަށް ލީޑުފުޅާކޮށްދޭން މަޓެއޯ ޕޮލިޓާނޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ނަޕޯލީ އަށް ދެ ވަނަ ހާފުގައި ޖެހުނީ ފަހަތަށް ޖެހިގެން ކުޅޭށެވެ. ބޮލޯނިއާ އިން މެޗުގެ ތެރެއަށް ވަދެ، ރަނގަޅު ކުޅުމެއް ދައްކައި، އެޓޭކް ވަރުގަދަ ކުރުމުގެ ނަތީޖާ އަކަށްވީ، މެޗުގެ 64 ވަނަ މިނިޓްގައި، ޑޭން އެންޑޯޔޭ ޖެހި ހިތްގައިމު ގޯލުން އެއްވަރުކުރުމެވެ. މިއީ، މި ފަަހަރު ލީގުގައި އެންޑޯޔޭ ޖެހި އަށް ވަނަ ގޯލެވެ.