ޑިމޮކްރަސީގެ ދިފާއުގައި ކޮރެއާގައި ބޭއްވި އެއްވުމެއްގެ ތެރެއިން --- ފޮޓޯ: ރޮއިޓާސް
ސޯލް، ދެކުނު ކޮރެއާ (އެޕްރީލް 8) - ދެކުނު ކޮރެއާގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޮލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ އެ މަގާމުން ވަކިކޮށްފައިވާތީ އެ ގައުމަށް އާ ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ޖޫން 3، ގައި ބޭއްވުމަށް ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވާދަވެރިން ހައްޔަރު ކުރުމަށް ޔޫން ނިންމެވުމާ ގުޅިގެން ޔޫންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ގައުމުގެ މަޖިލީހުން ފާސްކުރި އެވެ. އެ ނިންމުމަށް އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ޑިސެމްބަރު 3, 2024 ގައި ޔޫން ރައީސްކަމުގެ މަސްއޫލިއްޔަތާ ހިލާފުވެވަޑައިގަނެ ގާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލު ކުރެއްވި ކަމަށް ކަނޑައަޅައި އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ކޮރެއާގެ ގާނޫނުތައް އޮންނަ ގޮތުން 60 ދުވަހުގެ ތެރޭގައި އެ ގައުމުގައި އިންތިހާބު ބާއްވަން ޖެހެ އެވެ. މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ 2022 ގައި އޮތް އިންތިހާބުން ހަނި ގޮތަކަށް ބަލިވި ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓު ލީ ޖޭ ޔުންގު އެވެ. އޭނާއާ ދެކޮޅަށް ނުކުންނާނީ ކަނާތު ފިޔައިގެ ކޮން ކެންޑިޑޭޓެއް ކަމެއް ނޭނގެ އެވެ.
އާ ރައީސަކު ހުވާ ކުރަން ދެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ބޮޑުވަޒީރު ހަން ޑަކް-ސޫ އެވެ.
Comment