8 އޭޕްރީލް 2025 - 10:02 0
މުހައްމަދު ޝަހްޒާން
އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުއްރަހުމާން: އޭނާއަކީ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ޕާޓީއަކާ ނުގުޅި ހުންނަވާ ހަމައެކަނި މެންބަރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
8 އޭޕްރީލް 2025 - 10:02 0
އައްޑޫގެ ތަރައްގީއަށް މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކުގެ ފެންވަރު ދަށް ކުރުމާއި ހުއްޓުވުން ނޫން ކަމެއް މި ސަރުކާރަށް ނުވާ ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުއްރަހުމާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފަސޭހައިން ދެވޭ ގޮތަށް ތަރައްގީ ކުރުމަށް ނިންމާފައިވާ މަގެއް ނުނިންމާ އެއާޕޯޓު ތަރައްގީގެ މަޝްރޫއު ނިންމަން ސަރުކާރުން ނިންމުމުން، އެކަމަށް ފާޑުވިދާޅުވެ އަބްދުއްރަހުމާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 100 އަހަރު ވާން ގާތްވެފައިވާ އިމާރާތެއްގެ ސަބަބުން ގަމުގެ ތަރައްގީގެ ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"100 އަހަރު ވާން ގާތްވެފައިވާ އިމާރާތަކާ ހެދި ގަމުގެ ތަރައްގީގެ ޕްލޭނަށް އެއްވެސް ބަދަލެއް ގެނެވެން ޖެހޭނެ ކަމަށް ބަލައެއް ނުގަންނަން، މި ސަރުކާރުން އައްޑޫ ތަރައްގީއަށް، ކުރީ ސަރުކާރުން އައްޑޫ ތަރައްގީއަށް ކުރަން ފަށާފައިވާ ކަމެއްގެ ފެންވަރު ދަށް ކުރުން، ހުއްޓުވުން ނޫން ކަމެއް އަދި ކޮށްދެވިފައެއް ނެތް،" އަބްދުއްރަހުމާން ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ގަމަކީ އީކުއޭޓާ ވިލެޖު ނުވަތަ ގަން ހިންގާ ބައެއްގެ ތަރިކަ މުދާ ނޫން ކަމަށާއި އެއީ އައްޑޫ ތަރައްގީގެ ނާރެސް ކަމަށެވެ. އަދި އެއީ އައްޑޫގެ ޓޫރިޒަމް އަދި އިގުތިސާދުގެ މައި ދޮރާށި ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ޓެސްޓު ކުރަނީ އައްޑޫ ރައްޔިތުންގެ ކެތްތެރިކަމުގެ ލިމިޓު، އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން އަދި މި ދެނީ ބޮޑުތަނުން ދޯކާ،" އަބްދުއްރަހުމާން ވިދާޅުވި އެވެ.
އައްޑޫއަށް މި ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ މިސާލު ދައްކަވަމުން އަބްދުއްރަހުމާން ލިޔުއްވާފައި ވަނީ، ހަންކެޑެ ޕްރޮޖެކްޓާއި މަގު ހެދުމުގެ ޕްރޮޖެކްޓު ހުއްޓިފައިވާ ކަމަށާއި އައްޑޫގެ ރަށްތަކަށް ހަމައަށް ކަރަންޓު ނުލިބޭ ކަމަށާއި އަދި އައްޑޫ ފަޅުގައި މިދިޔަ ސަރުކާރުން ހިއްކި ރަށްތަކުގައި އެއްވެސް މަޝްރޫއުއެއް ނުހިނގާ ކަމަށެވެ.
"ހަންކެޑެ ޕްރޮޖެކްޓު ހުއްޓިއްޖެ، މަގު ހެދުމުގެ ޕްރޮޖެކްޓު ހުއްޓިއްޖެ، ކުރެވުނު ކަމަކީ ގަމަށް އެކުލެވުނު ތަރައްގީގެ ޕްރޮޖެކްޓަށް ބަދަލު ގެނެސް ޑްރޯން ބޭސް އެއް ހެދުން، ކުރީ ސަރުކާރުން ލޯނު ނަގައިގެން ދައުލަތުން ބޮޑު ހަރަދު ކޮށްގެން އައްޑޫ ފަޅުގައި ހިއްކި ރަށްތަކެއް ހުރިކަން އެނގޭ ބަޔަކު ނެތް، އެ ތަންތަން ބަޔަކާ ހަވާލުކޮށް އާމްދަނީ ލިބޭނެ ގޮތެއް ނުހެދޭ" އަބްދުއްރަހުމާން ލިޔުއްވާފައިވެ އެވެ.
"އަހަރުދުވަހުން ހުޅުވަން ބުނި ޝަންގްރިއްލާ ރިސޯޓު ހަމަ އެހެން، އައްޑޫ ބޭސް ފިހާރައަކުން ހަމައަށް ބޭހެއް ނުލިބޭ، މުޅި ސިޓީގެ ކަރަންޓުގެ ހާލަތު އަދިވެސް އެހާ ގޯސް، ހަމައަށް ކަރަންޓެއް ނުލިބޭ،"
ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަސޭހަކަމާއެކު ދެވޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައި މަގުގެ މަސައްކަތް މަޝްރޫއިން އުނިކުރަން ނިންމީ އެ މަގުގެ މަސައްކަތާ ހުރެ މުޅި މަޝްރޫއު ދިގުލައިގެން ގޮސް ދައުލަތަށް މާލީ ގޮތުން ގެއްލުންވެދާނެތީ ކަމަށެވެ.
ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ވަކި މުއްދަތެއްގެ ކުރިން ނިންމަންޖެހޭ މަޝްރޫއުއަކަށް ވާތީ، އެ މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމުގެ ސަބަބުން މުޅި ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތަށް ނުނިންމިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
އެފަދަ ހާލަތެއްގައި ކޮންޓްރެކްޓަރަށް ދައުލަތުން ބަދަލު ދޭންޖެހި މާލީ ގޮތުން ގެއްލުންވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެ ސަބަބާ ހުރެ އެ މަގުގެ މަސައްކަތް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއިން އުނިކުރަން އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Comment