Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވާ, ރިޔާސަތުން ސަބަބެއް އިއުލާނެއް ނުކުރޭ

8 އޭޕްރީލް 2025 - 09:13 0

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން: ޖަލްސާ ނުބާއްވާ ސަބަބެއް މަޖިލީހުން ނުބުނޭ -- ފޮޓޯ: މަޖިލިސް


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވާ, ރިޔާސަތުން ސަބަބެއް އިއުލާނެއް ނުކުރޭ

8 އޭޕްރީލް 2025 - 09:13 0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވަން އެ މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ އިއްޔެ ޖަލްސާ ނިންމާލިއިރު، މަޖިލިސް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށް ރިޔާސަތުގައި އިންނެވި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވަން ނިންމި ސަބަބެއް އެ މަޖިލީހުން ހާމައެއް ނުކުރެ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ ޖަލްސާ ނުބާއްވާ ސަބަބު ރިޔާސަތުން ހިއްސާކޮށްފައިނުވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ނަމަވެސް މަޖިލީހުގެ ކޮމިޓީ މަސައްކަތެއް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ 11:00 ޖަހާއިރަށް ތާވަލު ކުރި މާލިއްޔަތު ކޮމިޓީގެ ޖަލްސާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ ދުވަހުން ބުރާސްފަތި ދުވަހަށް ހަފުތާއެކު ހަތަރު ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއަކު ތިން ދުވަހު ބާއްވަންޖެހެ އެވެ.

އާންމު އުސޫލުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށްނުގެންދަން ނިންމިއިރު، މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 200 ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.