8 އޭޕްރީލް 2025 - 09:26 1
އަހުމަދު އާއިދު
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު : ގަމަށް ދާން ހަދާ މަގުގެ ބައެއް މަޝްރޫއުއިން އުނިކުރަން ނިންމީ ސިޓީ ކައުންސިލާއި އެއާޕޯޓު ކުންފުންޏާ މަޝްވަރާނުކޮށް ކަމަށް ކައުންސިލުން ވަނީ ބުނެފަ --- ފޮޓޯ: އަދަދު
8 އޭޕްރީލް 2025 - 09:26 1
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަސޭހަކަމާއެކު ދެވޭ ގޮތަށް ހަދަން ނިންމި މަގުގެ މަސައްކަތް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއިން އުނިކުރަން ނިންމީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ މަޝްވަރާކުރުމެއްނެތި ކަމަށް ކައުންސިލުން ބުނެފި އެވެ.
މިކަން ކުށްވެރިކޮށް އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިޓީ ކައުންސިލާއި އެއާޕޯޓު ކުންފުނީގެ މަޝްވަރާއެއް ނެތި އައްޑޫގެ ތަރައްގީއަށް އެންމެ މުހިންމު އެއް މަޝްރޫއުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރުމަކީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި ނިންމުމެއް ކަމަށެވެ.
ސަރުކާރުގެ މި އަމަލަކީ އައްޑޫގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
"މިއީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި، މިނިވަން ދިމަގުރާތީ މުޖުތަމައުތަކުން އަމަލުކުރާ އުސޫލުތަކާ ނުބައްދަލު އަދި މުޅި ދެކުނުގެ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަން،" އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިގޮތަށް ނިންމީ އެ މަގުގެ މަސައްކަތާ ހުރެ މުޅި މަޝްރޫއު ދިގުލައިގެން ގޮސް ދައުލަތަށް މާލީ ގޮތުން ގެއްލުންވެދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ދައުލަތަށް މާލީ ގެއްލުމެއް ވާނެ ކަމަށް ބެލެވެނީ މަގުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގައި ހުރި އިމާރާތަކަށް ބަދަލު ދޭން ޖެހިދާނެތީ އެވެ.
އައްޑޫގައި ހިންގާ އީކުއޭޓާ ވިލެޖުގެ ސްޓާފް އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރުމަށް ދީފައިވަ މި އިމާރާތް އަނބުރާ ދައުލަތަށް ނެގުމަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.
ސިޓީ ކައުންސިލުން ބުނީ އިނގިރޭސިން އައްޑޫގައި ދިރިއުޅުނު އިރުއްސުރެ ބައުވެ ވީރާނާވެފައިހުރި އިމާރާތެއް ސަރުކާރުގެ ބޭނުމަށް ނުނެގި އޭގެ ސަބަބުން މުޅި ދައުލަތް އަމިއްލަ ކުންފުންޏެއްގެ ކުރިމަތީ އާދޭސްކުރަން ޖެހުމުން ކަންބޮޑުވާ ކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ ބޭނުމަށްޓަކައި ބޮޑެތި ރަށްތައް ހުސްކޮށް، ބޮޑެތި ހަރަދުތަކާއި ބަދަލު ދޭންޖެހޭ ފަރާތްތަކަށް އަދާހަމައަށް ވެސް ސަރުކާރުން ބަދަލު ދެމުންދާކަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައިގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ވަކި މުއްދަތެއްގެ ކުރިން ނިންމަންޖެހޭ މަޝްރޫއުއަކަށްވާތީ، އެ މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމުގެ ސަބަބުން މުޅި ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތަށް ނުނިންމިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
"މިކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ، އަދި މިމަހުގެ 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް ދާނެ އެވެ، އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓުން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ، ބިން ލިބުނުހައި އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ ވެސް ދަންނަވަން،" މުއްތަލިބު ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން 30 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ ގައުމުގެ ރެނާޓަސް ކުންފުނިން ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖޫން 4، 2023، ގަ އެވެ.
މި މަޝްރޫއުގެ ދަށުން ގަމުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރު އަދި ފަޔާ ސްޓޭޝަނާއި، މަގުތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Comment