Advertisement

ކުރީގެ މިނިސްޓަރު ފައިސަލްގެ ގެއަށް ރޭޑު ޖަހަން ފުލުހުން މަސައްކަތް ކުރި

8 އޭޕްރީލް 2025 - 08:08 2

ކުރީގެ ޓުއަރިޒަމް މިނިސްޓަރު ފައިސަލް: ރޭޑު ޖެހުމުގެ މަސައްކަތް ފުލުހުން ހުއްޓާލީ ސިޔާސީ ޕްރެޝަރު ކުރިމަތިވެގެން ކަމަށްވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކުރީގެ މިނިސްޓަރު ފައިސަލްގެ ގެއަށް ރޭޑު ޖަހަން ފުލުހުން މަސައްކަތް ކުރި

8 އޭޕްރީލް 2025 - 08:08 2

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މާލޭގައި ދިރިއުޅުނު ގެއަށް ރޭޑެއް ޖަހަން ފުލުހުން މަސައްކަތް ކުރި ކަމަށް ބައެއް މަސްދަރުތަކުން ބުނެފި އެވެ.

މި ނޫހާ ވާހަކަ ދެއްކި ތަފާތު ދެ މަސްދަރަކުން ބުނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ޖެނުއަރީ 28، ގައި ފައިސަލް ވަކި ކުރުމަށްފަހު އޭނާ ދިރިއުޅެމުން އައި ގެއަށް ރޭޑެއް ޖެހުމަށްޓަކައި ކޯޓު އަމުރެއް ހޯދަން ފުލުހުން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ފައިސަލްއަށް އެއިރު ފުލުހުން މަތި ކުރީ ކޮން ތުހުމަތެއްކަން އެއްވެސް މަސްދަރަކުން ނުބުނެ އެވެ. ރޭޑު ޖެހުމުގެ މަސައްކަތް ފުލުހުން ހުއްޓައިލީ ސިޔާސީ ގޮތުން ޕްރެޝަރު އައިސްގެން ކަމަށް ވެސް ވެ އެވެ.

ފައިސަލް މަގާމުން ވަކި ކުރި ރަސްމީ ސަބަބު މިހާތަނަށް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އާއި ރައީސް މުހައްމަދު މުއިއްޒާ ދެމެދު މައްސަލަތަކެއް ޖެހިފައި ވަނިކޮށެވެ.

ފައިސަލް މަގާމުން ވަކި ކުރުމުގެ ކުރިން އޭނާ ރަސްމީ ދަތުރުތައް ހުއްޓާލަން ވެސް ސަރުކާރުން އޮތީ އަންގައިފަ އެވެ. އެއިރު، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ހިންގުމުގެ މަސްއޫލިއްޔަތުން އަބްދުއްރަހީމް އޮތީ އެކަހެރިކޮށްފަ އެވެ.

އަބްދުއްރަހީމް އާއި ރައީސް މުއިއްޒާ މައްސަލަ ޖެހުނީ ސިޔާސީ ކަންކަމުގައި އަބްދުއްރަހީމްގެ ލަފާ ރައީސް ނުހޯއްދަވާތީ ކަމަށްވެ އެވެ. މައްސަލަ ޖެހުނު ފަހުން، ރައްޔިތުންގެ މަޖިލީހުގެ ސައި ކޮޓަރީގެ ތެރޭގައި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒަށް އެއްޗެހި ގޮވައިފަ އެވެ.

ފައިސަލް ވަކި ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ދަރިކަލުން މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ވަނީ އިހުލާސްތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލްއަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއެކު، ނަތީޖާ ނެރެދެއްވި، ދާއިރާގެ އިތުބާރާއި ލޯބި ހޯދި،" އަބްދުއްރަހީމް ވިދާޅުވި އެވެ.