މަޝްވަރާ ކުރުމެއް ނެތި ހޯނޑެއްދޫގެ އިހުތިސާސުން ކަނޑެވާރެހާ އަތުލުން ކުށްވެރިކޮށް ނިންމުން ބަދަލު ކުރަން ކައުންސިލުން ގޮވާލައިފި

7 އޭޕްރީލް 2025 - 05:38 0

ކަނޑެވާރެހާ: ކައުންސިލުން ބުނީ ރަށް އަތުލުމުން ރައްޔިތުންނަށް އިގްތިސާދީ ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށް -- ފޮޓޯ: ގޫގަލް މެޕްސް


މަޝްވަރާ ކުރުމެއް ނެތި ހޯނޑެއްދޫގެ އިހުތިސާސުން ކަނޑެވާރެހާ އަތުލުން ކުށްވެރިކޮށް ނިންމުން ބަދަލު ކުރަން ކައުންސިލުން ގޮވާލައިފި

7 އޭޕްރީލް 2025 - 05:38 0

އެއްވެސް މަޝްވަރާ ކުރުމެއް ނެތި ގދ. ހޯނޑެއްދޫގެ އިހުތިސާސުން ކަނޑެވާރެހާ އަތުލުމުން އެކަން ކުށްވެރިކޮށް ނިންމުން ބަދަލު ކުރުމަށް އެ ރަށު ކައުންސިލުން ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.

ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރަން މީގެ ހަ މަސްދުވަސް ކުރިން ހޯނޑެއްދޫ ކައުންސިލުން ބީލަމަށް ހުށަހަޅާފައި އޮއްވައި އެރަށުގެ އިހްތިސާސުން ކަނޑެވާރެހާ ވަކި ކުރީ ރައީސް މުއިއްޒު އިއްޔެ ނެރުއްވި ރިޔާސީ ގަރާރެއް މެދުވެރިކޮށެވެ.

ހޯނޑެއްދޫ ކައުންސިލުން އިއްޔެ ގެޒެޓު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ކަނޑެވާރެހޭ އަތުލުމަކީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަތުން ކަމަށެވެ.

"ކަނޑެވާރެހާ ހޯނޑެއްދޫގެ އިހުތިސާސުން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެއް. އަދި މިކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ޔަގީން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ރަށުގެ އިހުތިސާސުގައި 2020 ވަނަ އަހަރު ކަނޑެވާރެހާ ހިމަނާފައި އޮއްވައި ރައީސް މުއިއްޒުގެ ގަރާރަކުން އެ ރަށް އަތުލީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއް ނެތި ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

"2025 އެޕްރީލް 06 ވަނަދުވަހު ރައީސުލްޖުމްރިއްޔާގެ ގަރާރު، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމުގެ ގަރާރުން މި ރަށް ވަކިކޮށްފައި ވަނީ ހޯނޑެއްދޫގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއްނެތި. މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯނޑެއްދޫ ކައުންސިލުން ރައީސްއަށް ގޮވާލާފައި ވަނީ ކަނޑެވާރެހާ އަތުލަން ނިންމި ނިންމުން ބަދަލު ކުރުމަށާއި ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ކަންކަން ނިންމުމަށާއި ރަށްރަށުގެ އިހްތިސާސަށް ބަދަލު ގެންނަން އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލެއް ގާއިމް ކުރުމަށެވެ.

އެތައް ޒަމާންތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން އެކި ގޮތްގޮތަށް ބޭނުން ކުރަމުން އައިސްފައިވާ ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކައުންސިލުން ނިންމާފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ވެސް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަޅުގަނޑުމެންގެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މިރަށަކީ، އަދި އެތައް ޒަމާނެއް ވަންދެން ހޯނޑެއްދޫގެ ރައްޔިތުން ބޭނުންކުރަމުން އައި ރަށެއް. މީގެ އިތުރުން، ރަށުގެ ބިނާވެށި ޕްލޭންގައި ގދ. ކަނޑެވާރެހާ އަކީ ޓޫރިޒަމްއަށް ތަރައްގީ ކުރާނެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްގީކުރުމަށްޓަކައި ވަނީ ފާސްކުރެވިފަ. މިކަމަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ދެކެން،"

ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ހޯނޑެއްދޫ ކައުންސިލުން ނިންމީ ސެޕްޓެމްބަރު، 2024، ގަ އެވެ. ކަނޑެވާރެހާ ކައިރީގައި ވަރަށް ރީތި ޑައިވިން ސްޕޮޓުތަކެއް ހުރެ އެވެ. އަދި ރަށް ކައިރީގައި ވަރަށް ގިނަ ފަޅުރަށްތައް ހުރެ އެވެ. އެ ރަށް ކައިރީގައި ގާތްގަނޑަކަށް 70 ފަޅު ރަށް އޮވެ އެވެ.

ހޯނޑެއްދޫއިން އިއުލާން ކުރީ ކަނޑެވާރެހާ 50 އަހަރަށް ކުއްޔަށް ދިނުމަށެވެ. އިއުލާނު ކުރީ ބިޑު ކާމިޔާބު ކުރާ ފަރާތުން ގިނަވެގެން 30 ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ނިންމަންޖެހޭނެ ގޮތަށެވެ. ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި ހަމަޖެއްސީ 700،000 ޑޮލަރެވެ. އެއީ 10.7 މިލިއަން ރުފިޔާ އެވެ.

ކަނޑެވާރެހާގައި ރިސޯޓު ތަރައްގީ ކުރާ ބަޔަކަށް އަހަރަކު 38 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް ކައުންސިލުން ލަފާކޮށްފައިވެ އެވެ. އަދި ހިންގުމަށް އަދި އެހެނިހެން ކަންކަމަށް ކުރާ ހަރަދު ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އަހަރަކު 22 މިލިއަން ޑޮލަރުގެ ފައިދާއެއްވާނެ ކަމަށް ވެސް ކައުންސިލުން ލަފާކޮށްފައިވެ އެވެ.