އެމްޑީޕީ މެންބަރުން ބުނަނީ "ސިޔާސީ ކުޅިއަކަށް" ފައިސާ ޗާޕު ކުރުމުން އިގްތިސާދު ފުނޑި ދާއިމީ ގެއްލުމެއް ލިބޭނެ ކަމަށް

7 އޭޕްރީލް 2025 - 05:08 2

ޝަމްހީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ: ގަރާރުގައި ވިދާޅުވީ ފައިސާ ޗާޕު ކުރުމުން ދައުލަތް އަދި ރައްޔިތުންގެ މާލީ ހާލަތު ނުރައްކާ ދަރަޖައަށް ދާނެ ކަމަށް -- ފޮޓޯ: މަޖިލިސް


އެމްޑީޕީ މެންބަރުން ބުނަނީ "ސިޔާސީ ކުޅިއަކަށް" ފައިސާ ޗާޕު ކުރުމުން އިގްތިސާދު ފުނޑި ދާއިމީ ގެއްލުމެއް ލިބޭނެ ކަމަށް

7 އޭޕްރީލް 2025 - 05:08 2

މިހާރު ރާވާފައިވާ އޮތް ގޮތަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފައިސާ ޗާޕު ކުރުމުން ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑި، ގައުމަށް ދާއިމީ ގެއްލުމެއް ލިބޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސާ ޗާޕު ކުރުމުގެ ވާހަކަ މިއަދު ކުރިއަށްގެންދިޔައީ އެ މައްސަލައިގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ގަރާރަށް ތަޅުމުގައި ބަހުސް ކުރަމުންނެވެ.

މިއަދު ވާހަކަ ދެއްކި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ހުޅުމާލެއިން ބިން ގަތުމުގެ ނަމުގައި ސަރުކާރުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެއީ ގައިރު ގާނޫނީ އަމަލެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އެ މޭރުމުން ވާޙަކަ ދެއްކެވި އެއް ބޭފުޅަކީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

"ބިން ގަންނަނީ ފައިސާ ޗާޕު ކުރުން އުޒުރަކަށް ހަދައިގެން އިއްޒަތްރެރި ރައީސް. މިއީ އިގްތިސާދުގެ ހަމަޖެހުން ނަގާލައި އިގްތިސާދަށް އިއާދަ ނުކުރެވޭ ދާއިމީ ގެއްލުމެއް ދޭނެ ގައިރު ޒިންމާދާރު އަމަލެއް ކަމަށް އަޅުގަނޑުމެން މި ދަންނަވަނީ،" މައުރޫފް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ރައީސް [މުހައްމަދު] މުއިއްޒުގެ ސިޔާސީ ކުޅިއަކަށް އެމްއެމްއޭ ހައްދަވާތީ."

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ ފައިސާ ޗާޕު ކުރާ ހިސާބަށް ކަންތައް ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭން ފެއިލްވެގެން ކަމަށެވެ. އެކަމަކު ބިން ގަތުމުގެ ނަމުގައި ފައިސާ ޗާޕު ކުރުން ގާނޫނާ ހިލާފު ކަމަށް ކުޑޫ ވިދާޅުވި އެވެ.

"އެމްއެމްއޭއަކީ މާލީ އިދާރާއެއް. މާލީ އިދާރާތަކުން ފައިސާ ހޯދަނީ މާލީ މުދަލާއި މުއާމަލާތްތަކުން. ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުން މިއީ ގާނޫނާ ހިލާފު ކަމެއް. މި ހާލަތަށް މިކަން މި ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭން ފައިލްވެގެން،" ކުޑޫ ވިދާޅުވި އެވެ. "މި މުއާމަލާތުގެ އިގްތިސާދީ ނަތީޖާއަކަށްވާނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުން، ދިވެހި ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ އަގު މައްޗަށް ދިޔުން، އިގްތިސާދީ ހަމަޖެހުން ގެއްލި އިގްތިސާދު ފުނޑުފުނޑުވުން."

އެ މައުލޫއަށް ވާހަކަ ދައްކަވަމުން ހަނީމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެފި ނަމަ ޑޮލަރުގެ އަގު 30ރ. އާ ގާތް ކުރާނެ ކަމަށެވެ. އަދި މަރުކަޒީ ބޭންކަށް އޮތް އިތުބާރު ވެސް އެއިރުން ގެއްލޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ފައިސާ ޗާޕު ކުރީމާ ސެންޓްރަލް ބޭންކާ ދޭތެރޭ ރައްޔިތުންނަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެންދާނެ އިއްޒަތްތެރި ރައީސް. މިއަދު 19 ރުފިޔާއިން މަތީގައި ޑޮލަރުގެ އަގު ހުރިއިރު، މި ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެފި ނަމަ ޑޮލަރު ގޮސް ހުއްޓޭނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭގައި،" ގަފޫރު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ "ދޮގު ވާހަކަތަކެއް" ހިމަނައިގެން ކަމަށެވެ. އަދި ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން އަނެއްކާ ވެސް ދެއްކެވީ މިދިޔަ ސަރުކާރުގެ ވާހަކަ އެވެ.

އެ ގަރާރަށް ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ ތުންތުންމަތިން ދެކެވޭ ވާހަކަތަކަކަށް ބިނާކޮށް ކަމަށެވެ.

"ތުންތުންމަތިން ދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މިފަދަ ދޮގު ގަރާރުތައް ހުށަހެޅުމަކީ އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫން،" މުސްތަފާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ކުރިން އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ގޮވައިލެއްވީ އިދިކޮޅު ޕާޓީއިން ޒިންމާދާރުކޮށް މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑު ހަމަ އެމްޑީޕީގެ މެންބަރުންނަށް ދަންނަވާލަން ތިބޭފުޅުން ތަންކޮޅެއް ޒިންމާދާރުކޮށް މި މަޖިލީހުގައި މަސައްކަތް ކޮށްދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީއަށް ނިސްބަތްާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ ގަރާރު ހުށަހެޅުމަކީ "ގައުމަށް ގައްދާރުވުން" ކަމަށެވެ.

"މިތަނަސް މިކަހަލަ ގަރާރުތައް ވައްދައިގެން އެހެން މީހުންގެ ބޮލުގައި ރޯބުހުތާނު ދޮގު އެޅުވުމަކީ ވެސް މިއީ ގައްދާރުވުން ގައުމަށް،" ދީދީ ވިދާޅުވި އެވެ.

ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފައިސާ ޗާޕު ކުރުމުން "ދައުލަތުގެ އަދި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ" ކަމަށެވެ. ގަރާރުގައި އެދިފައި ވަނީ ފައިސާ ޗާޕު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހޯދުމެވެ.

0.00%

0.00%

50.00%

50.00%

މި ލިޔުން ކިޔާލުމުން


ދޮންބަފާ

6 days ago

ކޮންހާ ވާހަކައެއް ކަލޭމެން ދައްކާކަށް، މުޅި ރާއްޖެ ހަލާކު ކޮށްފަ ގޮސް އެބަ އަނގަތަޅާނުން. ކަލޭމެން ޗާޕު ކުރީމަ އެވަރުގެ މޮޅު ކަމަަކަށް ނުވެގެން ދޯ ޗާޕުކުރީ. ފިޔާޒު ކިޔާދީބަލަ ކަލޭމެންގެ ވެރިކަމުގަ ޗާޕިކުރި އަދަދު ވެސް. މުޅި ރާއްޖެ ދެރި އިރު ފިޔާޒު އުޅުނީ އަޗާތަޅަން. މި ހާރު ވެސް ޗާޕުކުރުމާ އަހަރެން ދެކޮޅު. ފިޔާޒު އެވެ. ބުންން ހެއްޔެވެ. ދުނިޔެ ދޫކޮށްފަ އަދި އެ ނިމުނީ އެއް ނޫނެވެ. އާޚިރަތައް ބިރުވެތިވާށެވެ. މިއަދު ދޮގު މައްޗަށް ދޮގު ފެތުރިދާނެ!

ކިރިބަތީ

7 days ago

މިމީހުން މިހެން މިބުނަނީ މިމީހުން ވެރިކަމަށް އައިސް ދައުލަތް ދަރުވާލާފައި އޮތްވަރުން ނޭފަތުކުރިއަށް ދައުލަތް އެރީމާ އެކަންނުކޮށް ވާންނެތީމަ އެކަން ކޮށް ރައްޔިތުންނަށް މަންފާއެއް ލިބިދާނެތީވީމައިކަން ކަށަވަރު ހެޔޮއެދިގެންނެތް ނޫން