8 އޭޕްރީލް 2025 - 11:04 0
އަހުމަދު ދާއޫދު
ގޫގުލް އެޕްލިކޭޝަނުން މިހާރު ޕޮކޭމޮން ކެޗް ކުރެވޭނެ --
8 އޭޕްރީލް 2025 - 11:04 0
ދުނިޔޭގެ އެންމެ ބޮޑު ސާޗު އިންޖީނު ކަމުގައިވާ ގޫގުލްއިން ޕޮކެމޮން ކުންފުންޏާ ގުޅިގެން އައު ޕޮކެޑެކްސް މިނީ-ގޭމެއް ތައާރަފުކޮށްފި އެވެ. މި އައު އަޕްޑޭޓާއެކު ގޫގުލްގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޕޮކެމޮންތައް ކެޗްކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބިގެންދާނެ އެވެ.
މި އައު ފީޗާގައި، ޕޮކެމޮން ރެޑް އަދި ގްރީން ގޭމްތަކުގެ އަސްލު 151 ޕޮކެމޮންގެ ތެރެއިން ކޮންމެ ޕޮކެމޮނެއްގެ ނަން ސާޗުކުރުމުން، އެ ޕޮކެމޮން ކެޗުކޮށް ޕޮކެޑެކްސްއަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފީޗާ ބޭނުންކުރުމަށް ޓަކައި ގޫގުލް އެކައުންޓަކަށް ލޮގިންވެފައި ހުންނަން ޖެހޭނެ އެވެ.
ގޫގުލް އާއި ޕޮކެމޮން ކުންފުނީގެ މި ކުއްލި އެއްބާރުލުމުގެ ސަބަބު ހާމަކޮށްފައި ނުވިނަމަވެސް، މިއީ މި ދެ ބްރޭންޑް ގުޅިގެން މަސައްކަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2014 ވަނަ އަހަރު ގޫގުލް މެޕްސްއިން އޭޕްރިލް ފޫލްސް ޑޭގައި ޕޮކެމޮންތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެންނަ ގޮތަށް އަޕްޑޭޓެއް ނެރުނެވެ. މި މަޖާ ކުޅިވަރު ފަހުން ޕޮކެމޮން ގޯ ގެ ނަމުގައި ދުނިޔޭގެ އެންމެ މަޤްބޫލު މޮބައިލް އެޕްތަކުގެ ތެރެއިން އެއް އެޕްގެ ގޮތުގައި ތަރައްގީވެގެން ދިޔަ އެވެ.
މި އަހަރުގެ ފަހުކޮޅު ނިންޓެންޑޯ ސްވިޗް އަދި ނިންޓެންޑޯ ސްވިޗް 2 އަށް ނެރޭ ޕޮކެމޮން ލެޖެންޑްސް ޒެޑް-އޭ އަކީ ޕޮކެމޮންގެ އެންމެ އައު ގޭމެވެ. މި ގޭމްގައި ކުޅުންތެރިން ކާލޮސް ސަރަހައްދާއި ލުމިއޯސް ސިޓީއަށް އަނބުރާ ދަތުރުކުރާނެ އެވެ. ލުމިއޯސް ސިޓީ ދަނީ ހައި-ޓެކް ރީޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން ބަދަލުވަމުންނެވެ.
ޕޮކެމޮން ކުންފުނިން ބުނާ ގޮތުގައި ކުޅުންތެރިންނަށް އާބެއިން ނުވަތަ ޓޯނީ ނަމަކަށް ކިޔާ އައު އެހީތެރިއަކާ ބައްދަލުވާނެ އެވެ. ކުޅުންތެރިޔާއަށް ބައްދަލުވާ އެހީތެރިޔާ ކަނޑައެޅިގެންދާނީ ގޭމް ފެށުމުގެ ކުރިން ކުޅުންތެރިޔާ އިހުތިޔާރުކުރާ ކެރެކްޓާގެ ސިފައަށް ބަލައިގެންނެވެ.
ޕޮކެމޮންއަކީ 1996 ވަނަ އަހަރު ޖަޕާނުގައި ފުރަތަމަ ތަޢާރަފުކުރެވުނު ވީޑިއޯ ގޭމް ސީރީޒްއެކެވެ. މި ސީރީޒްއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އަދި ފައިދާ ބޮޑު މީޑިއާ ފްރެންޗައިޒްތަކުގެ ތެރެއިން އެއް ފްރެންޗައިޒަށް ވެފައި ވެއެވެ.
ޕޮކެމޮންގެ ދަށުން ވީޑިއޯ ގޭމްތަކާއި، އެނެނިމޭޝަން ސީރީޒްތަކާއި، ކާޑު ގޭމްތަކާއި، ފޮތްތަކާއި އަދި ތަފާތު އެހެނިހެން އުފެއްދުންތައް ވަނީ ނެރެފަ އެވެ.
ޕޮކެމޮން ގޯ ގޭމް ނެރުމާއެކު 2016 ވަނަ އަހަރު ޕޮކެމޮންގެ މަޤްބޫލުކަން އިތުރަށް އުފުލިގެން ދިޔަ އެވެ. މި ގޭމަކީ އޯގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މޮބައިލް ގޭމެކެވެ. ގޫގުލްއާއި ޕޮކެމޮން ކުންފުނި ގުޅިގެން ކުރިއަށްގެންދާ މި އައު މަޝްރޫއުއަކީ ޕޮކެމޮންގެ މަޤްބޫލުކަން އިތުރަށް އުފުލިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.
Comment