6 އޭޕްރީލް 2025 - 12:27 0
އަހުމަދު އާއިދު
މިފްކޯއިން މިއަދު ވަކިކުރި އިބްރާހިމް ސައީދު (ކޭޑު): އޭނާ ވަނީ ވައްކަމުގައި ބައިވެރިވުމުގެ ތުހުމަތު ރައީސް މުއިއްޒުއަށްވެސް ކުރައްވާފަ --- ފޮޓޯ: ސޯޝަލް މީޑިއާ
6 އޭޕްރީލް 2025 - 12:27 0
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން އިބްރާހިމް ސައީދު (ކޭޑު) ވަކިކޮށްފި އެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން މިފްކޯގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި އޭނާ ވިދާޅުވީ، އެ މަގާމުގައި ހުރި މުއްދަތުގައި އޭނާ މަސައްކަތް ކުރެއްވީ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ ނަމާއި ބްރޭންޑަށް އުނިކަން ނާންނާނެ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި، އޭނާ މަސައްކަތް ކުރަމުންދިޔައީ މިފްކޯ އަކީ ދެފުށް ފެންނަ ކޮރަޕްޝަނުން ބަރީއަވެފައިވާ ކުންފުންޏަކަށް ހެދުމަށް ކަމަށްވެސް ކޭޑުގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.
މިކަމާ ގުޅިގެން އޭނާގެ އިތުރު ބަހެއް ހޯދުމަށް އަދަދު ގެ ނޫސްވެރިން ގުޅުމުން ކޭޑު ވިދާޅުވީ، ކޮންޓްރެކްޓު އާ ނުކޮށް އޭނާ ވަޒީފާއިން ވަކިކުރީ ވައްކަމާ ދެކޮޅަށް ވާހަކަދައްކާ ކުންފުނީގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށެވެ.
އެގޮތުން، މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް މިދިޔަ މަހު އަލުން ވަޒީފާ ދިނުން އޭނާ ފާހަގަކުރެއްވި އެވެ. އަދި، އޭނާ ވަކިކުރީ ކޮރަޕްޓު ވެރިންތަކެެއް ކުންފުންޏަށް އަލުން ވައްދާ އެމީހުން ލައްވާ ކަމަށާއި މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުން ވާ ކަމަށްވެސް އޭނާ ތުހުމުތު ކުރެއްވި އެވެ.
"ރައީސް ބޭނުންފުޅުވާތީ ވަގުންނަށް ޖާގަ ދިނީ. އެ ނޫން ނަމަ އަހަރުވަންދެން ސީދާ ރައީސްގެ ސަމާލު ކަމަށް ގެނައި ކަންކަން ހުއްޓުވުނީސް" ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅެފައިވާ ކޭޑު، ފޯނުން ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
ވަގުންގެ ގޮތުގައި ކޭޑު ތުހުމަތުކުރެއްވި ތިން މެނޭޖަރުން ވަކިކުރަމުން މިފްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިއީ ރައީސް މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ކުންފުނި ހަރުދަނާކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.
ކޭޑުއަކީ ނޫސްވެރިކަމާއި ޕަބްލިކް ރިލޭޝަންސް ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހެކެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް އަކަށް ވެސް ހުންނެވި އެވެ.
މިފްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މާލީ ހާލަތު ގޯސް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން އެކި ސަރުކާރުތަކުން ތަފާތު މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ކުންފުނީގެ މާލީ ހާލަތަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.
މާލީ ހާލަތު ދަށް ނަމަވެސް އެ ކުންފުނިން ވަނީ ސަރުކާރު މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކީ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފަ އެވެ.
0.00%
0.00%
71.43%
28.57%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment