Advertisement

ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅެން ނަޝީދު ހުށަހެޅުއްވި ހިޔާލަށް އިމްތިޔާޒްގެ މަރުހަބާ

6 އޭޕްރީލް 2025 - 00:29 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ : އޭނާ ވަނީ އެމްޑީޕީ އާ އެ ޕާޓީ ގުޅުމަށް ނަޝީދު ހުށަހެޅުއްވި ހިޔާލަށް ތާއީދު ކުރައްވާފަ --- ފޮޓޯ: އަދަދު


ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅެން ނަޝީދު ހުށަހެޅުއްވި ހިޔާލަށް އިމްތިޔާޒްގެ މަރުހަބާ

6 އޭޕްރީލް 2025 - 00:29 1

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އެ ޕާޓީގެ މެންބަރުންތަކެއް އުފެއްދި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލެއްވުމުން، އެކަމަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) މަރުހަބާ ދަންނަވައިފި އެވެ.

މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ހިއްސާ ކުރައްވައި އިންތި ލިޔުއްވާފައިވަނީ "ރައީސް މުހައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުޙަބާ ދަންނަވަން" ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު ބަހެއް ހޯދުމަށް މި ނޫހުން އިންތިއަށް މިއަދު ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ނަޝީދުގެ ހުށަހެޅުމަށް އިމްތިޔާޒު މަރުހަބާ ދަންނަވާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ނަޝީދުގެ ހުށަހެޅުމާ އެއްކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

ޕޯސްޓާ ގުޅިގެން އަދަދު އިން އޭނާގެ ބަހެއް ހޯދުމަށް ގުޅުމުން ފައްޔާޒު ވިދާޅުވީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ހުރިހާ އެންމެން އެކުވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ހުރިހާ އެންމެން ގުޅިގެން ވިޔަސް އެބަޖެހޭ ސަރުކާރު ހަމަ މަގަށް އަޅުވަން. އަޅުގަނޑުމެން ޕާޓީން އަބަދުވެސް ގެންގުޅޭ ސްޓޭންޑަކީ އަޅުގަނޑުމެންނާ އެއްކޮށް މިނިވަން ޑިމޮކްރެޓިކް މަސައްކަތް، ދިވެހި ރާއްޖޭގަ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރަން ތިބި ހުރިހާ ބަޔަކާ އެކުވެސް މަސައްކަތް ކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން މިއަދު ނަޝީދު ގޮވައިލެއްވިއިރު، އެ ދެ ޕާޓީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އެޕާޓީން ވަކިވެވަޑައިގަތީ ސޯލިހާ ދެމެދު މައްސަލަތަކަކަށްފަހެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ދެ ވަނަ ދައުރަކަށް ސޯލިހު ވާދަ ކުރައްވަން ނިންމެވުމެވެ. ޑިމޮކްރެޓްސް އަކީ އެ ނިންމެވުމާއެކު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމަށްފަހު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ އެކެވެ.

ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެންފި ނަމަ މަރުހަބާ ދަންނަވާނެ ކަމަށް ވެސް ފައްޔާޒު މިއަދު ވިދާޅުވި އެވެ. ނަމަވެސް، އެމްޑީޕީން ވަކިވެ އެ ޕާޓީއާ ދެކޮޅަށް މި ވީ ދެ އަހަރެއްހާ ދުވަސް ތެރޭ ނަޝީދު ކުރެއްވި އެކި ކަންކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި އެމަނިކުފާނާމެދު ނުރުހުން އޮތްކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.