އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް މާލެ ވަޑައިގެންފި

5 އޭޕްރީލް 2025 - 11:11 0

އަހުމަދު އާއިދު

އ

ރައީސް ޑރ. މުހައްމަދު މުއިއްޒު ލިވަޕޫލްގެ ރަސްމީ ދަނޑުގެ އަރިމަތީގައި ފޮޓޯއެއް ނަންގަވަނީ --- ފޮޓޯ: ރައީސް އޮފީސް


އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް މާލެ ވަޑައިގެންފި

5 އޭޕްރީލް 2025 - 11:11 0

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބު, ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސައި އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށް ކަމަށް ބުނެ ކުރެއްވި މި ދަތުރު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންނެވީ މިއަދު ކަމަށެވެ.

އެޕްރީލް 1، ގައި ފެށްޓެވި މި ދަތުރުގައި ރައީސް ވަނީ ލިވަޕޫލްގެ ޓްރެއިނިން ގްރައުންޑް، އަކްސާ ޓްރެއިނިން ސެންޓަރު އަދި އެ ޓީމުގެ ރަސްމީ ދަނޑު އެންފީލްޑަށް ވަޑައިގެންފަ އެވެ.

ލިވަޕޫލާއި އެވަޓަން ކުޅުނު މެޗުގައި ދަނޑުގެ އަރިމަތީގައި ހުންނަ ލެޑު ބޯޑުތަކަށް ރާއްޖޭގެ އިޝްތިހާރު އެރުވިއިރު އެ މެޗުގެ ކުރިން ރައީސް އާއި އެކުގައި ދިޔަ ވެރިން ވަނީ ދަނޑުގެ އެއް ކައިރީގައި ފޮޓޯ ނަންގަވައިފަ އެވެ.

ރައީސްގެ މި ޒިޔާރަތާ ގުޅިގެން ލިވަޕޫލުން ފޮޓޯއެއްހާ މިންވަރު ވެސް ޕޯސްޓުކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މި ދަތުރާ ގުޅުވާ ރައީސް އަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ރައީސް މުއިއްޒު ޒިޔާރަތްކުރެއްވި މެޗަށްފަހު ރައީސް އޮފީހުން ކުރި ޕޯސްޓުތަކުން އެނގޭ ގޮތުގައި ރައީސް އާއި ވެރިން ވަނީ ލިވަޕޫލްގެ ރަސްމީ ދަނޑު، އެންފީލްޑުގެ ހާއްސަ ޓުއާއެއް ނަންގަވައިފަ އެވެ. އަދި، އެ ކްލަބުގެ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ކެނީ ޑަލްގިޝް އާއި އިއަން ރަޝް އާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން، ލިވަޕޫލުގެ މިހާރުގެ ޓީމު ނުވަތަ އެ ކްލަބުގެ އިސްވެރިންގެ ތެރެއިން އެއްވެސް ބަޔަކާ ރައީސްގެ މި ދަތުރުގައި ބައްދަލުކުރެއްވި ކަމެއް ރައީސް އޮފީހުން އަދި އެމްއެމްޕީއާރުސީ އިން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މާޗު 13، ގައި އިއުލާނުކުރި އެއްބަސްވުމުގެ ދަށުން ލިވަޕޫލާ ގުޅިގެން ރާއްޖެ އިސްތިހާރުކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީން މި ކެމްޕޭން ކުރިއަށް ގެންދާނީ ތިން އަހަރާއި ހަ މަސްދުވަހަށް ކަމަށް ވެސް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.

މި ދަތުރުގައި ރައީސް ވަނީ ލިވަޕޫލް، އަދި ލީޑްސް ގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ޔުނިވަސިޓީ އޮފް ލީޑްސްގެ އިސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.