4 އޭޕްރީލް 2025 - 18:10 0
ލީވާން އަލީ ނާސިރު
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން: އެތަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން ވަނީ މަސައްކަތް ކޮށްފައި -- ފޮޓޯ: ޕޮލިސް
4 އޭޕްރީލް 2025 - 18:10 0
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހަކު މިރޭ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އެ މީހާއަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން އެޕްރިލް 2، ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 34 އަހަރުގެ މީހެއް ކަމަށެވެ.
މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެއިތުރުން ފުލުހުން ބުނީ އެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ދަނީ ކުރިއަށް ގެންދަމުންކަން ފުލުހުން ފާހަގަކުރި އެވެ.
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި 2022 ވަނަ އަހަރު މީހަކު އަމިއްލައަށް މަރުވެފައިވެ އެވެ. އެއީ ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވުނު އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.
އޭނާ މަރުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment