17 އޭޕްރީލް 2025 - 09:36 0
17 އޭޕްރީލް 2025 - 09:36 0
ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް ކުރިހޯދާ ޗެމްޕިއަން ކްލަބް ވެމްކޯ އިން މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ތިންވަނަ ސެމީގައި ވެމްކޯ އިން ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-18، 18-25، 26-24، 24-26 އަދި 10-15 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ހުރާގެ ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އޭގެ ފައިދާ ނަގާ މި ސެޓު ހުރާއިން ގެންދިޔައީ ފަސޭހަކަމާއެކު 25-18 އިންނެވެ.
އެކަމަކު ދެވަނަ ސެޓުގައި ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއްގައި ކުޅެފަ އެވެ. މި ސެޓުގައި ވެމްކޯގެ ބިދޭސީ ދެ ކުޅުންތެރިންގެ އިތުރުން ޖޫޒާން ޒަރީރް (ޖޫޒް)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-18 އިންނެވެ.
ތިންވަނަ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ސެޓުގައި ބޮޑު ލީޑެއް ނަގައިގެން އެއްވެސް ޓީމަކަށް ކުޅެވޭ ގޮތް ނުވެ އެވެ. މި ސެޓު ހުރާއިން ގެންދިޔައީ 26-24 އިންނެވެ.
މެޗުގެ ހަތަރު ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސެޓުގެ މެދުތެރެއިން ވެމްކޯގެ ކުޅުންތެރިންނަށް ރަނގަޅު ރިސީވްތަކެއް ނުދެވި ގިނަ ޕޮއިންޓްތަކެއް ގެއްލުނެވެ. އޭގެ ފައިދާ ނަގާ ހުރާއިން ވަނީ މި ސެޓުގެ ފަހުކޮޅު ހަ ޕޮއިންޓްގެ ލީޑެއް ވެސް ނަގައިފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ވެމްކޯ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 26-24 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ޖެހިގެން އައި ފަސްވަނަ ސެޓު ފަށައިގެން ވެމްކޯ އިން ފަސް ޕޮއިންޓްގެ ލީޑެއް ނަގައި ސެޓު ނިންމީ 15-10 އިންނެވެ.
މި މުބާރާތުގެ ފައިނަލުގައި މިރޭ ވެމްކޯ އިން ނުކުންނާނީ ފުރަތަމަ ސެމީ ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ޕޮލިސް ކްލަބާ ދެކޮޅަށެވެ.
Comment