Advertisement

ސިނގިރޭޓު ވިއްކަނީ ސިޔާސީ އިދިކޮޅު މީހުން ކަމަށް ވިދާޅުވެ އެ ވިޔަފާރިތައް ހުއްޓާލަން ރައީސް ގޮވާލައިފި

2 އޭޕްރީލް 2025 - 14:04 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސިނގިރޭޓު ވިޔަފާރިކުރާ މީހުން އެކަން ހުއްޓާލައި އެހެން ކަމަކާ އުޅެން އެމަނިކުފާނު އެދުނު -- ފޮޓޯ: ރައީސް އޮފީސް


ސިނގިރޭޓު ވިއްކަނީ ސިޔާސީ އިދިކޮޅު މީހުން ކަމަށް ވިދާޅުވެ އެ ވިޔަފާރިތައް ހުއްޓާލަން ރައީސް ގޮވާލައިފި

2 އޭޕްރީލް 2025 - 14:04 2

ސިނގިރޭޓު އެތެރެކޮށް އެ ވިޔަފާރިކުރަނީ އެމަނިކުފާނާ ސިޔާސީ ގޮތުން ދެކޮޅު މީހުން ކަމަށް ވިދާޅުވެ، ސިނގިރޭޓު ވިއްކުން ހުއްޓާލައި "އެހެން ކަމަކާ އުޅުމަށް" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ސިނގިރޭޓު ވިޔަފާރި ކުރުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި އެ މީހުން އެކި މުޒާހަރާތަކަށް ވެސް އެހީތެރިވާ ކަމަށާއި ރައްޔިތުންގެ ސިއްހަތު ސިޔާސީ ނުކުރަން އެދޭ ކަމަށެވެ.

"ދެން އަޅުގަނޑު ބަލައިލާއިރުގައި، ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށް ވެސް އެބަ އެހީދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިނގިރޭޓު ވިއްކާ މީހުން އެ ވިޔަފާރި ހުއްޓާލައި، އެހެން ކަމަކާ އުޅޭންޖެހޭ ކަމަށެވެ.

"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިޔަފާރިކުރާ މީހުންނަށް އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކައިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ. މިއީ ކުޑަކުޑަ ގައުމެއް. މިއީކީ މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީކީއެއް. އަޅުގަނޑުމެން ކުޑަ މުޖުތަމައު ސަލާމަތްކުރިއްޔާ މާ ރަނގަޅެއްނު މިކަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޒުވާން ޖީލު ސަލާމަތް ކުރުމަށް "ޖެނެރޭޝަން ބޭން" އެއް ގެންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވައިފަ އެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ގާނޫނަށް ބަދަލު ގެނެސް އެކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅައިގެން, ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.