ާއާޖެންޓީނާއާ ބެހޭގޮތުން ބްރެޒިލްގެ ރަފީނިއާ ވާހަކަދެއްކި ގޮތަކީ ގޯހެއް

28 މާރިޗު 2025 - 08:41 0

ބްރެޒިލްގެ ރަފީނިއާ (ވ) އަށް އާޖެންޓީނާގެ ބައެއް ކުޅުންތެރިން ދިމާކޮށްލަނީ.


ާއާޖެންޓީނާއާ ބެހޭގޮތުން ބްރެޒިލްގެ ރަފީނިއާ ވާހަކަދެއްކި ގޮތަކީ ގޯހެއް

28 މާރިޗު 2025 - 08:41 0

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އެ ޓީމަށް، އިހުތިރާމް ކުޑަވާ ގޮތަށް ބްރެޒިލްގެ ރަފީނިއާ ވާހަކަ ދެއްކި ގޮތަކީ ހެދި ގޯހެއް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ބްރެޒިިލުން އާޖެންޓީނާ ބަލިކުރާނެ ކަމަށް ބުނެ، އެ މެޗުގެ ކުރިން ބޭއަދަބީ ބަސްތަކެއް ބޭނުންކޮށް ރަފީނިއާ ވަނީ ވާހަކަ ދައްކައިފަ އެވެ.

އާޖެންޓީނާ އިން އެ މެޗުގައި ބްރެޒިލް 4-1 އިން ބަލިކުރިއިރު، މެޗުގެ ތެރެއިންނާއި މެޗަށް ފަހު ވެސް އާޖެންޓީނާ ކުޅުންތެރިން ވަނީ ރަފީނިއާއާ ދިމާކޮށްލައިފަ އެވެ.

އެ މެޗަށް ފަހު ރަފީނިއާ ވަނީ އެއީ މެޗު ފޯރީގައި މަޖާޒީ ވިސްނުންތަކެއް ވެސް ހިމެނޭހެން ދެއްކި ވާހަކައެއް ކަމަށް ބުނެފަ އެވެ.

އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ އެއީ ވިސްނާނުލައި، ރަފީނިއާ އަށް ކުރެވުނު ގޯސްކަމެއް ކަމަށެވެ.

"ރަފީނިއާ އަކީ މޮޅު ކުޅުންތެރިއެއް. އަހަރެން އޭނަ އަށް އިހުތިރާމް ވެސް ކުރަން. އެ ވަރުގެ ކުޅުންތެރިއެއްގެ ފަރާތުން އެ ކަހަލަ ވާހަކަތަކެއް އިވުމަކީ އަހަންނަށް ލިބުނު ޝޮކެއް. އަހަންނަށް ނޭނގެ އޭނަގެ ވިސްނުން ކިހިނެއް ހުރެގެންް ދެއްކި ވާހަކައެއް ކަމެއް އެއީ، ޔަގީނުން ވެސް އެއީ ގޯހެއް. އުންމީދަކީ އޭނާ އެ ފަދަ ކަމެއް ތަކުރާރުކޮށް އަމިއްލަ އަށް ގޯސް ހާލަތެއްގެ ތެރެއަށް ނުދިއުން،" ސްކަލޯނީ ބުންޏެވެ.

ފުޓްބޯޅަ ކުޅުންތެރިއަކު ވެސް އެންމެ އިސްކަން ދޭންޖެހޭ އެއް ކަމަކީ ޑިސިޕްލިންކަން ފާހަގަކޮށް، ސްކަލޯނީ ބުނީ، އިދިކޮޅު ޓީމަށް އިހުތިރާމް ކުރުމުގެ ރީތި އާދަ ދަމަހައްޓަން ޖެހޭ ކަމަށެވެ.

ބްރެޒިލް މެޗަށް ނުކުތްއިރު ވެސް އާޖެންޓީނާ އަށް އޮތީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގައެއް ލިބިފަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، އާޖެންޓީނާ އަކީ މި ފަހަރު ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރި ފުރަތަމަ ޓީމެވެ.