ޔުނައިޓެޑް ވިކްޓަރީ އިން އިދާރީ މައްސަލަތައް ހައްލުކޮށްފި

28 މާރިޗު 2025 - 08:46 0

އަތޫފް އާތިފް

އ


ޔުނައިޓެޑް ވިކްޓަރީ އިން އިދާރީ މައްސަލަތައް ހައްލުކޮށްފި

28 މާރިޗު 2025 - 08:46 0

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން އިދާރީ މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ސްޕޯޓްސް ކޮމިޝަނާ އޮފީހުން ބުނެފި އެވެ.

ސަރުކާރުން ކްލަބްތަކަށް ދިން ފައިސާ މިހާތަނަށް ޖަމާނުވާ ހަމައެކަނި ކްލަބަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޓީމަށް ފައިސާ ދިނުން ލަސްވީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައިވަރުކަންކަން ފުރިހަމަވެފައި ނެތުމުންނެވެ.

އެކަމަކު، "އަދަދު ސްޕޯޓްސް" އިން މައުލޫމާތު ސާފުކުރިއިރު، މިހާރު ޔުނައިޓެޑް ވިކްޓަރީ އިން ވަނީ އިދާރީ ކަންކަން ހައްލުކޮށްފަ އެވެ.

އެ ކްލަބުން އިދާރީ ކަންކަން ހައްލު ކުރުމާއެކު އެ ކްލަބަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ހަމަޖެހޭނެ އެވެ.

ފުރަތަމަ ޑިވިޝަނުގައި 2016 ވަަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ޔުނައިޓެޑް ވިކްޓަރީ އަކީ ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ތެރެއިން، ކުރިއަށް އޮތް ސީޒަނަށް ޕްރީ ސީޒަން ޕްރެކްޓިސް ނުފަށައި އޮތް ހަމައެކަނި ކްލަބެވެ. އަދި މިކަމާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީގެ ބައެއް ކުޅުންތެރިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.

ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ 10 ކްލަބްގެ ތެރެއިން ނުވަ ކްލަބަށް މިހާތަނަށް ފައިސާ ދީފައިވެ އެވެ. އޭގެ ތެރެއިން، ކްލަބް ގްރީން ސްޓްރީޓްސް އަށް މިހާތަނަށް ދީފައިވަނީ އެއް ޕޭމަންޓެވެ.

ގްރީން ސްޓްރީޓްސް އަށް ވެސް ފައިސާ ލިބުން ލަސްވީ އެ ކްލަބުން އޭރު ފުރިހަމަ ކުރަން ޖެހޭ ބައެއް ލިޔެކިޔުން ފުރިހަމަ ކޮށްފައިނުވާތީ އެވެ. އެކަމަކު، ގްރީން ސްޓްރީޓްސް އިން ލިޔެކިޔުންތައް ފުރިހަމަ ކުރުމާއެކު ފުރަތަމަ ޕޭމާންޓް (5 ލައްކަ ރުފިޔާ) ވަނީ ޖަމާކޮށްފަ އެވެ. އަދި ދެ ވަނަ ޕޭމަންޓް އަންނަ ހަފުތާތެރޭގައި ޖަމާވާނެ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ކްލަބުން ވެސް މިހާރު ވަނީ ޕްރީ ސީޒަން ޕްރެކްޓިސް ފަށައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ސިވިލް ކޯޓުން ވަނީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 30،000 ރުފިޔާ ދައްކަން ހުކުމެއް ކޮށްފަ އެވެ.

ސިވިލް ކޯޓުން ޖެނުއަރީ މަހު ނުވަ ވަނަ ދުވަހު، ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް މި ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ، ޔުނައިޓެޑް ވިކްޓަރީން ބިދޭސީ ކުޅުންތެރިން ބިޒްނަސް ވިސާގައި ރާއްޖެ އަށް ގެނައުމަށް ފަހު، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އާ ކުރަން ހުށަހަޅާފައިނުވާތީ އެވެ. އަދި މި ދައުވާގައި، އެ ބިދޭސީ ކުޅުންތެރިން، ފުރުވާލުމުގައި ވެސް އެންމެ ރަނގަޅަށް ޔުނައިޓެޑް ވިކްޓަރީން އަމަލުކޮށްފައިނުވާކަން ހުށަހަޅާފައި އޮތް ލިޔުންތަކުން އެނގޭ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، ކޯޓުން ޔުނައިޓެޑް ވިކްޓަރީގެ ގައިރުހާޒިރުގައި ހުކުމްކޮށްފައިވަނީ، މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭ އިމިގްރޭޝަނަށް 30،000 ރުފިޔާ ދެެއްކުމަށެވެ.