ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ނުބެލޭތާ މަސް ދުވަސް

27 މާރިޗު 2025 - 17:26 0

ލީވާން އަލީ ނާސިރު

ލ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: އޭގެ ތެރެއިން ދެ ފަނޑިޔާރުން ސަސްޕެންޝަންގައި ތިބިއިރު އެއް ފަނޑިޔާރު ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް


ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ނުބެލޭތާ މަސް ދުވަސް

27 މާރިޗު 2025 - 17:26 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެބްރުއަރީ 27. ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން، އެ ކޯޓުގައި ކުރިއަށްދާ ދުސްތޫރީ މައްސަލަތައް ނުބެލި އެއް މަސް ދުވަސްވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކާ ގުޅިގެންނެވެ. ނަމަވެސް މިހާތަނަށް އޭސީސީން އެ މައްސަލަތަކާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒްއަށް ޖޭއެސްސީން ކުރާ ތުހުމަތަކީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމެވެ. މިގޮތުން އެ ދެ ފަނޑިޔާރުންގެ ބަޔާން ވެސް އެ މައްސަލައިގައި ވަނީ ނަގައިފަ އެވެ.

މީގެއިތުރުން ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ދެ ގަޒީއެއްގެ ބަޔާން ޖޭއެސްސީން ވަނީ ނަގައިފަ އެވެ. އެއީ ގާޒީ އިބްރާހިމް ޒިހުނީ އަދި ސޮފްއަތު ހަބީބެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތައް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ފާސްކުރި އެވެ. ނަމަވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހުސްނުއްސުއޫދުގެ އިތުރުން އަޒްމިރާލްދާ ވަނީ އދ. އަށް ހުށަހަޅުއްވާފަ އެވެ. އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށެވެ. ހުސްނުއްސުއޫދު މައްސަލަ ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށެވެ.

ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ވަނީ އައްޔަނުކޮށްފަ އެވެ. އަދި ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރާ މެންބަރަކަށް ވެސް އޭނާ ވަނީ ހަމަޖައްސާފަ އެވެ.