އެއާޕޯޓު ވަގު ސިނގިރޭޓު ނެޓްވޯކުގައި ހިމެނޭ ސިފައިންގެ މީހަކު ހައްޔަރުކޮށްފި

27 މާރިޗު 2025 - 09:40 1

މުހައްމަދު ޝަހްޒާން

މ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން


އެއާޕޯޓު ވަގު ސިނގިރޭޓު ނެޓްވޯކުގައި ހިމެނޭ ސިފައިންގެ މީހަކު ހައްޔަރުކޮށްފި

27 މާރިޗު 2025 - 09:40 1

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އައިހަމް 23، ގަސްކަރަ، ނ. ވެލިދޫ ކަމަށެވެ. އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސިފައިންގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އެއާޕޯޓު ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ. އޭގެތެރެއިން ޔޫސުފް ނަޒީރުއަކީ ފުލުހެކެވެ.

ނަމަވެސް އެ ދެ މީހުންގެ ބަންދާ މެދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުސް މީހާ އެ ސިނގިރޭޓުތައް ބޭރުކުރަން މަސައްކަތް ކުރީ ކަޅު ކޮތަޅަކަށް އަޅައިގެން, ޑިއުޓީ ފްރީގައި އުޅޭ މަސައްކަތް މީހުން ލައްވަ އެވެ.

ފުލުސް މީހާ އަތުލައިގަތްއިރު, ދެ ދުވަހެއްގެ މަތިން ސިނގިރޭޓުތައް ބޭރުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ އަތުލައިގަތީ 140 ކާޓޫނު ސިނގިރޭޓު ބޭނުންކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި ހުރި ބައެއް ބޮންޑަޑް ވެއާހައުސްތަކުން ވެސް ވަގަށް ސިނގިރޭޓުތަކެއް ބޭރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ކަސްޓަމްސްއިން ވަނީ 67.9 މިލިއަން ރުފިޔާގެ ޑިއުޓީ ނަގައިދޭން އެދި މައްސަލަ ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފަ އެވެ.

ވަގަށް ސިނގިރޭޓު ބޭރުކުރަން މަސައްކަތް ކުރުމުގެ އިތުރުން, މާލޭގައި އުފައްދައިގެން ވިއްކާ ސިނގިރޭޓުތަކެއްގެ މައްސަލަ ވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި އަތުލައިގަނެވުނު 49,000 ސިނގިރޭޓު ނައްތާލާއި އެ ކަން ކުރި ކުންފުނި އުވާލަން ވަނީ ނިންމާފަ އެވެ.