ބްރެޒިލް އަތުން ބޮޑު މޮޅެއް ހޯދި އާޖެންޓީނާ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފި

26 މާރިޗު 2025 - 06:32 0


ބްރެޒިލް އަތުން ބޮޑު މޮޅެއް ހޯދި އާޖެންޓީނާ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފި

26 މާރިޗު 2025 - 06:32 0

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 26) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ފަޅިން ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރި ފުރަތަމަ ޓީމު ކަމަށްވާ އާޖެންޓީނާ އިން ވާދަވެރި ބްރެޒިލް އަތުން 4-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އަށް ވަނީ އަންނަ އަހަރު އެެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ މުބާރާތުގެ ޖާގައެއް ޔަގީންވެފަ އެވެ. އެއީ ރޭ އުރުގުއޭ އާއި ބޮލިވިއާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮލިފައިން އެއް ވަނައިގައި އޮތް އާޖެންޓީނާ އަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެކުއެޑޯ އަށް ވަނީ 14 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އުރުގުއޭ އާއި ހަތަރެއްގައި އޮތް ބްރެޒިލް އަދި ފަސް ވަނައިގައި އޮތް ޕެރަގުއޭ އަށް ވަނީ 14 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.

އެސްޓަޑިއޯ މޮނިއުމެންޓާލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، އާޖެންޓީނާ އިން ވަނީ 12 މިނިޓް ތެރޭ ބްރެޒިލް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، އާޖެންޓީނާ އިން ހަތަރު ވަނަ މިނިޓްގައި ލީޑުނެގީ ހޫލިއަން އަލްވަރޭޒް ޖެހި ގޯލުންނެވެ. އަދި، މެޗުގެ 12 ވަނަ މިނިޓްގައި އާޖެންޓީނާ އިން ރަނގަޅު ޓީމު ކުޅުމެއް ދައްކައި، ލީޑުފުޅާކުރީ އެންޒޯ ފެނާންޑޭޒް ޖެހި ގޯލުންނެވެ.

މެޗުގެ 26 ވަނަ މިނިޓްގައި މަޓެއުސް ކޫންޏާ ވަނީ ލަނޑެއް ޖަހައި، ބްރެޒިލަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލެކްސިސް މެކް އަލިސްޓާ ވަނީ އާޖެންޓީނާ އަށް ތިން ވަނަ ގޯލެއް ޖަހައިދީ، ދެ ގޯލުގެ ލީޑެއް އަލުން ނަގައިދީފަ އެވެ.

ދެ ވަނަ ހާާފުގައި އާޖެންޓީނާގެ ފަހު ގޯލު ޖެހީ، ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖިއުލިއާނޯ ސިމިއޯނީ އެވެ.