Advertisement

ވަޒީފާތަކުގައި ތިބެން ސަރުކާރަށް އެއްބާރުލުން ދޭން މަޖުބޫރުކަމަށް ބުނެ ގައްދޫ މެންބަރުގެ އިންޒާރެއް

25 މާރިޗު 2025 - 19:55 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ: އޭނާ ވިދާޅުވީ ދެން ވަޒީފާތަކަށް ނަގާނީ ސިޔާސީ ގޮތުން އެއްބާރުލުން ދޭ މީހުން ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ވަޒީފާތަކުގައި ތިބެން ސަރުކާރަށް އެއްބާރުލުން ދޭން މަޖުބޫރުކަމަށް ބުނެ ގައްދޫ މެންބަރުގެ އިންޒާރެއް

25 މާރިޗު 2025 - 19:55 4

ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ ވަޒީފާގައި ތިބި މީހުން، އެ މަގާމުތަކުގައި ތިބެން ބޭނުންނަމަ ސަރުކާރަށް އެއްބާރުލުން ދިނުމަކީ މަޖުބޫރު ކަމެއް ކަމަށް ބުނެ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އިންޒާރު ދެއްވައިފި އެވެ.

މެންބަރު މުހައްމަދު މިހެން ވިދާޅުވީ، އޭނާ އަދި ޕީއެންސީން ބޭނުންވެގެން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކަށް އައްޔަންކުރި ގައްދޫ ދާއިރާއަށް ނިސްބަތްވާ މުވައްޒަފުން ހިމެނޭ ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގަ އެވެ.

މި މެސެޖުތައް ފެންނަ ސްކްރީންޝޮޓުތަކެއް ސޯޝަލްމީޑިއާގަައި ދައުރުވަމުންދާއިރު, އެ ގްރޫޕުގައި މެންބަރު ވަނީ ވޭތުވެދިޔަ ތަނުގައި އެ މީހުން ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވި މިންވަރު ދަށްވުމާއި ސަރުކާރަށް އެއްބާރުލުން ދިނުން ދަށްވާތީ ނުރުހުންވެވަޑައިގެން ލިޔުއްވާފަ އެވެ.

"ބާއްވާ ހަރަކާތްތަކުގެ އިތުރުން ހަރުގެއަށް އައިސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށް ތިމަންނައަށް ކުރެވޭނީ ކޮންކަމެއްތޯ އަމިއްލަ އިސްނެގުމާއި އެކު ކުރުމަށް ހަގީގަތުގައިވެސް ގިނަމީހުންގެ ފަރާތުން އެއްބާރުލުން ނުފެނޭ،" މުހައްމަދު ފޮނުއްވި އެއް މެސެޖުގައި ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ކަންކަމުގައި އެއްބާރުލުން ނުދެވޭ މީހުން މެންބަރަށް އެކަން އަންގަވައިދެއްވަން އެދޭ ކަމަށާއި ވަޒީފާ ލިބުމުން ގިނަ މީހުންގެ އެއްބާރުލުން ނުލިބޭކަންވެސް އެނާ ފާހަގަކޮށްފައިވެ އެވެ.

"މިކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަން ނިންމި ވާހަކަ ބުނެލަން. ނެތިން އެއްވެސް މީހެއް ކައިރީގަ އަބަދު ބުނެ ކިޔައިގެން ދާކަށް،" މުހައްމަދު ވިދާޅުވި އެވެ.

މެންބަރު މުހައްމަދު ވަނީ ކޮންމެ އެސްއޯއީ އަކީވެސް ސިޔާސީ މަސައްކަތް ކުރާ ތަންތަން ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވަޒީފާ ދިން ގިނަ މީހުންނަށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ސަރުކާރު ޕްރޮމޯޓު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ވިދާޅުވުމަށް ފަހު މެންބަރު ވަނީ ކުރިއަށް އޮތް ތަނުގައި ވަޒީފާ ދޭނީވެސް ސިޔާސީ ގޮތުން އެއްބާރުލުން ދޭ ފަރާތްތަކަށް ކަމަށް ވިދާޅުވެފަ އެވެ.

މުހައްމަދު އަލީގެ އިތުރުން ވެސް ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ މެންބަރުން ނުރުހެނީ ސަރުކާރު ޕްރޮމޯޓުކުރުމުގައި މުވައްޒަފުން އެއްބާރުލުން ނުދޭތީ އެވެ.