ޖޭމްސްގެ ގޯލާ އެކު އިންގްލެންޑް މޮޅުވެ ޓުޗެލްގެ ހުވަފެނީ ފެށުން ކުރިއަށް

25 މާރިޗު 2025 - 06:56 0


ޖޭމްސްގެ ގޯލާ އެކު އިންގްލެންޑް މޮޅުވެ ޓުޗެލްގެ ހުވަފެނީ ފެށުން ކުރިއަށް

25 މާރިޗު 2025 - 06:56 0

ލަންޑަން (މާޗް 25) - ރީސް ޖޭމްސް ކާމިޔާބުކުރި ގޯލާ އެކު، 3-0 އިން ލެޓްވިއާ ބަލިކޮށް، އިންގްލެންޑުން އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ދެ ވަަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

އަށާރަ މަހުގެ ކޮންޓްރެކްޓެއްގައި އިންގްލެންޑާ އެކު، ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މަސައްކަތް ފެށި ޓުޗެލްގެ ކޯޗުކަމުގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ، ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ އަތުން މީގެ ތިން ދުވަސް ކުރިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، ލެޓްވިއާ އަތުން މޮޅުވީ ވެސް ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ.

ޓުޗެލް އަކީ، 2008 ވަނަ އަހަރު އިންްގްލެންޑަށް ކޯޗުކޮށްދިން އިޓަލީގެ ފަބިއޯ ކަޕެއްލޯ އަށް ފަހު، އިންގްލެންޑާ ހަވާލުވި ކޯޗުންގެ ތެރެއިން ފުރަތަމަ ދެ މެޗު ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ލީޑުނެގީ ރީސް ޖޭމްސް ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ހިލޭ ޖެހުމަކުންނެވެ. މިއީ، ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީ އަށް ވެސް ކުޅުނު ރީސް ޖޭމްސް އިންގްލެންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ޖޭމްސް އިންގްލެންޑްގެ ފުރަތަމަ އެގާރައިގައި މެޗެއް މި ކުޅުނީ ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

ދެ ވަނަ ހާފުގައި އިންގްލެންޑުން އަނެއް ދެ ގޯލު ޖެހިއިރު، އެ ޓީމުން ލީޑުފުޅާކުރި ގޯލު މެޗުގެ 68 ވަނަ މިނިޓްގައި ޖެހީ ކޭން އެވެ. މިއީ، އޭރިއާތެރެއިން ޑެކްލަން ރައިސް ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި ކޭން ޖެހި ގޯލެކެވެ. މެޗުގައި އިންގްލެންޑްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އެބްރެޗީ އެޒޭ އެވެ. މިއީ، ކްރިސްޓަލް ޕެލަސް އަށް ކުޅޭ އެޒޭ އިންގްލެންޑަށް ޖަހައިދިން ފުރަތަަމަ ގޯލެވެ.