ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ ކުރުން

25 މާރިޗު 2025 - 06:15 1

އިބްނު ޚަލީލު

އ


ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ ކުރުން

25 މާރިޗު 2025 - 06:15 1

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ބާރަ ވަނަ ދުވަހު އިރުއެރީ މި ގަރުނުގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާއާ އެކުގަ އެވެ. ތިން ވުޒާރާއެއް އަނދައި އަޅިއަށް ވެގެން ދިޔައެވެ. އެ ހާދިސާ ހިނގިފަހުން ހަތަރު މަސްވަނީ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފުން ލައްކަ ގާފުރޮޅިކަމަށް އެ ދުވަސްވަރު ނޫސްތަކުގައި ޖަހާފައި އޮތެވެ. ތަހުގީގުގައި ފުލުހުންނަށް އެހީތެރިވެދިނުމަށް އިންޑީއާއިން ވެސް ތަހުގީގު ޓީމެއް އައިކަމަށްވެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމަށް ފުލުހުންގެ ތަހުގީގަށް ފެނުނު ގޮތް އަދާ ހަމައަށްވެސް ވަނީ ވަންހަނާ ކޮށްފަ އެވެ. އެ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ ތަފްސީލުވެސް ސަރުކާރުން ވަނީ ވަންހަނާކޮށްފައެވެ. ސަރުކާރުގެ ތިން ވުޒާރާ އެނދި މައްސަލަ މާ ބޮޑު ކަމަކަށް ވެގެން ރައްޔިތުންގެ މަޖިލީހުންވެސް އުޅުނު ފާޑެއް ނުޖަހަ އެވެ.

އަލިފާނުގެ ހާދިސާ ހިނގިފަހުން، އެ ހާދިސާގައި އަނދައިގެން ދިޔަ ވުޒާރާތަކުގެ ނަންތަކަށާއި މަސައްކަތަށާއި ވަޒީރުން ވަނީ ބަދަލުވެފައެވެ.

ދައުލަތުގެ ލިޔެކިއުމާއި މުދާ ނެތިގެން ދިޔަ ސަބަބު ކަމުގައިވާ އަލިފާންގަނޑު ރޯވި ސަބަބު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށް ސަރުކާރަށް ގަބޫލުކުރެވުނީ ކީއްވެހެއްޔެވެ. ރައްޔިތުންނަށް އެކަން އެންގުމުގެ ޒިއްމާއިން ފުލުހުންނާއި އެމްއެންޑީއެފް އަށް ރެކެވޭނެ އެއްވެސް ފުރުސަތެއް އޮވެގެންނުވާނެއެވެ. މިހާތަނަށް މިކަމާބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ދީފައިނުވަނީ މި ދެ މުއައްސަސާގެ ޒިއްމާދާރުކަން ކުޑަވީމައެވެ. އަލިފާން ރޯވިގޮތުގެ ތަހުގީގަށް އެހީތެރިވުމަށް އައި ކަމަށް ބުނާ އިންޑިއާގެ ތަހުގީގު ޓީމުގެ ރައުޔަކީ ކޮބައިކަންވެސް އެއްވެސް ގޮތަކަށް ނޭނގެއެވެ.

ފުލުހުންނާއި އެމްއެންޑީއެފް މިފަދަ ކަންކަމުގައި ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން މިފަދަ ގައުމީ މައްސަލަތަކުގައި ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހެއް ނެތީވެސް ތޯއްޗެކެވެ.

ފުލުހުންނާއި ސިފައިންގެ އަލިފާނާ ބެހޭ މުއައްސަސާއަކީ ރައްޔިތުންނަށް ހިދުމަތް ދޭން އޮންނަ ދެ މުއައްސަސާއެވެ. އަލިފާނުގެ މިފަދަ ބޮޑު ހާދިސާއެއް މެދުވެރިވުމުން މި ދެ މުއައްސަސާއިން ރައްޔިތުންނަށް ތިން ކަމެއް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އެއް ކަމަކީ އެ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ކުރި މަސައްކަތުން އެނގުނު އެއްޗެއް ބުނެދިނުމެވެ. ދެވަނަ ކަމަކީ މި ހާދިސާއިން ލިބުނު ފިލާވަޅުތަކެވެ. ތިންވަނަ ކަމަކީ މިފަދަ ހާދިސާއެއް މެދުވެރިވުމުގެ ފުރުސަތު ކުޑަކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަމެވެ. މިކަންކަން ބުނެނުދެވެންޏާ އެ ދެ މުއައްސަސާގެ ޒިންމާދާރުކަމެއް ނެތެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މުލޭ

about 20 hours ago

ތިޔަ ތިންވުޒާރާ އެނދިގޮތުގެ މައުލޫމާތުވެސް ހާމަކުރަންވީ. އެކަމަކު އޭގެކުރިން ހާމަކުރަންޖެހެނީ 8 ފެބުރުއަރީގައި ދައުލަތުގެ އެތައް އެސެޓަކާއި ރައްޔިތުންގެ އެތައް ލިޔެކިއުންތައް އަންދާލި ގޮތުގެ މަޢުލޫމާތު.