މި އަހަރުގެ ހައްޖު ކިޔޫގައި ތިބި އެންމެންނަށް ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓު ޑިލީޓުކޮށް، ހަމަ އެ ވާހަކަ ފިލިން ފިއްޔަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރުގެ ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" އާދީއްތަ ދުވަހުގެ ރޭ މެންދަމު 1:59 ގައި އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ދޭން ކަނޑައަޅާފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ވާހަކަ އަކީ ކުރިން ވެސް ހާމަކޮށް، ބާވެފައިވާ ވާހަކަ އެވެ.
މި ވާހަކަ ފުރަތަމަ ޕޯސްޓު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އެވެ. އެ ޕޯސްޓު ފަހުން ޑިލީޓުކުރެއްވި އެވެ. އެއަށް ފަހު ޝަހީމް ކުރެއްވި ޕޯސްޓުގައިވާ އިބާރާތުގެ އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެންނަވައި ރައީސް މުއިއްޒު ޕޯސްޓުކުރެއްވި އެވެ.
މިއީ ލަދުވެތި ކަމެކެވެ.
Comment