އެންވީޑިއާއިން ރޮބޮޓް ތަމްރީނުކުރުމަށް އޭއައި މޮޑެލެއް ތައާރަފުކޮށްފި

25 މާރިޗު 2025 - 04:10 0

އަހުމަދު ދާއޫދު

އ

އޭއައި މެދުވެރިކޮށް ތަމްރީނު ކުރާ ރޮބޮޓްތައް އިންސާނުންނާއެކު މަސައްކަތްކުރޭ --


އެންވީޑިއާއިން ރޮބޮޓް ތަމްރީނުކުރުމަށް އޭއައި މޮޑެލެއް ތައާރަފުކޮށްފި

25 މާރިޗު 2025 - 04:10 0

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެންވިޑިއާއިން ރޮބޮޓުތައް ތަމްރީނުކުރުމަށް ބޭނުންކުރެވޭ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލެއް ތައާރަފުކޮށްފިއެވެ.

"ކޮސްމޮސް-ޓްރާންސްފާ 1" ގެ ނަމުގައި ފާއިތުވި ހަފުތާގައި ތައާރަފުކޮށްފައިވާ މި އާ ވޯލްޑް ޖެނެރޭޝަން ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) އަކީ އޭއައި އަށް ބަރޯސާވާ ރޮބޮޓިކްސް ހާޑްވެއާ ނުވަތަ ފިޒިކަލް އޭއައި އަށް އަމާޒުކޮށްފައިވާ މޮޑެލެކެވެ.

އެންވީޑިއާއިން ބުނެފައިވާ ގޮތުގައި މި އައު އޭއައި މޮޑެލްގެ މައިގަނޑު ފައިދާއަކީ ބޭނުންކުރާ ފަރާތްތަކަށް އުފައްދާ ސިމިއުލޭޝަންތަކުގެ މައްޗަށް ވަރަށް ބޮޑު ކޮންޓްރޯލެއް ލިބިގެންދިއުމެވެ.

މި މޮޑެލް ވަނީ އޯޕަން ސޯސްގެ ގޮތުގައި ދޫކޮށްލާފަ އެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް މަޝްހޫރު އޮންލައިން ރެޕޮސިޓަރީތަކުން މި މޮޑެލް ޑައުންލޯޑުކުރެވޭނެ އެވެ.

ސިމިއުލޭޝަން އަށް ބިނާކޮށް ރޮބޮޓުތައް ތަމްރީނުކުރުމަކީ ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފަހަކަށް އައިސް އިތުރަށް ކުރިއަރަމުން އަންނަ ދާއިރާއެކެވެ.

ރޮބޮޓިކްސްގެ މި ވަކި ބްރާންޗުން އަމާޒުކުރަނީ އޭ.އައި އަށް ބަރޯސާވާ ހާޑްވެއަރ އަށެވެ. މި ގޮތުން، މެޝިންގެ ސިކުނޑި ތަމްރީނުކުރެވެނީ އެކި ކަހަލަ ޙަޤީޤީ ދުނިޔޭގެ ސިނާރިއޯތަކުގައެވެ. މިއީ މިހާރު ފެކްޓަރީތަކުގައި ބޭނުންކުރާ، އެއް މަސައްކަތެއް ކުރުމަށް ފަރުމާކޮށްފައިވާ ރޮބޮޓުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެންވިޑިއާގެ ކޮސްމޮސް-ޓްރާންސްފާ 1 އަކީ އެ ކުންފުނީގެ ކޮސްމޮސް ޓްރާންސްފަރ ވޯލްޑް ފައުންޑޭޝަން މޮޑެލްސް (ޑަބްލިއުއެފްއެމްސް) ގެ ބައެކެވެ. މި މޮޑެލްތަކުން ސެގްމެންޓޭޝަން މެޕްސް، ޑެޕްތު މެޕްސް، ލައިޑާ ސްކޭންސް ފަދަ ސްޓްރަކްޗާޑް ވީޑިއޯ އިންޕުޓްތައް ބޭނުންކޮށްގެން ފޮޓޯރިއަލް ވީޑިއޯ އައުޓްޕުޓްތައް އުފައްދައެވެ. މި އައުޓްޕުޓްތައް ބޭނުންކޮށްގެން ފިޒިކަލް އޭ.އައި ތަމްރީނުކުރުމަށް ސިމިއުލޭޝަން ގްރައުންޑެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ދާއިރާގައި އެންވިޑިއާ އަކީ އެންމެ ކުރީ ސަފުގައި ހިމެނޭ ކުންފުންޏެކެވެ. 1993 ވަނަ އަހަރު އުފެދުނު މި ކުންފުނިން ފުރަތަމަ ފެށީ ގްރެފިކްސް ޕްރޮސެސިންގ ޔުނިޓްތައް (ޖީ.ޕީ.ޔޫ) އުފެއްދުމުގެ މަސައްކަތެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި އެންވިޑިއާ ވަނީ އޭއައި އަދި ޑީޕް ލާނިން ދާއިރާގައި ވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

އެ ކުންފުނީގެ ޖީޕީޔޫ ތަކަކީ އޭ.އައި މޮޑެލްތައް ތަމްރީނުކުރުމާއި ހިންގުމަށް އެންމެ ގިނައިން ބޭނުންކުރެވޭ ހާޑްވެއަރ ތަކުގެ ތެރެއިން އެއް ހާޑްވެއާއެވެ.

ކޮސްމޮސް-ޓްރާންސްފާ 1 ފަދަ އައު މޮޑެލްތައް ތަޢާރަފުކުރުމަކީ އެންވިޑިއާގެ އޭއައި ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމުގެ ހެއްކެކެވެ. އަދި މި ފަދަ އީޖާދުތަކުން ރޮބޮޓިކްސް އަދި އޮޓޮމޭޝަން ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ލަފާކުރެއެވެ.